ފިލިޕީންސްގެ ދެކުނުގައި އެޤައުމުގެ ސިފައިންނާއި ހައްދު ފަހަނައަޅާފައިވާ މުސްލިމުންގެ ގްރޫޕްތަކާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ފިލިޕީންސްގެ ހަނގުރާމަވެރި ޖަމާޢަތް އަބޫ ސައްޔާފްގެ ލީޑަރެއް ކަމަށްވާ އިސްނިލޯން ހަޕިލޯން މަރާލައިފިއެވެ.
އެމެރިކާއިން އެންމެ ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ ހަޕިލޯން މަރާލަފާއިވަނީ ދެކުނު ފިލިޕީންސްގެ މަރާވީ ސަރަހައްދުގައި ސަރުކާރު ސިފައިންނާއި ހަނގުރާމަވެރިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައެވެ. މަރާވީ އޮތީ މިދިޔަ މެއި މަހުން ފެށިގެން ހަނގުރާމަވެރިންގެ އަތް ދަށުގައެވެ. އަބޫ ސައްޔާފް ޖަމާޢަތާއި އަދި ދެކުނު ފިލިޕީންސްގައި ސަރުކާރު ސިފައިންނާއި ދެކޮޅަށް ހަނގުރާކުރަމުންދާ ޖަމާޢަތްތަކުން ވަނީ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތު ހިފާފައެވެ.
ފިލިޕީން ސިފައިން ބުނީ ހަޕިލޯންގެ އިތުރުން ހަނގުރާމަވެރިންގެ ލީޑަރެއް ކަމަށްވާ އުމަރު މައުތޭވެސް މަރާލާފައިވާ ކަމަށެވެ. ހަނގުރާމަވެރިންގެ ދެ ލީޑަރަކު މަރާލެވުނުކަން ހާމަކުރަމުން ފިލިޕީންސްގެ ސިފައިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރާވީ އަނެއްކާވެސް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ.
އަބޫސައްޔާފް ގްރޫޕަކީ އިސްލާމީ ޝަރީޢާ ފިލިޕީންސްގައި ޤާއިމްކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕެކެވެ. މި ޖަމާޢަތުން ގެންދަނީ ކަނޑުފޭރުމާއި، މަގުފޭރުމުގެ އިތުރުން މީހުން ވަގަށް ނެގުމާއި ރަހީނުން މެރުން ފަދަ އަމަލުތައް ހިންގަމުންނެވެ. ފިލިޕީންސް ސިފައިން މަރާލި ހަޕިލޯން އައިއެސް ޖަމާޢަތަށް ބައިއަތު ހިފީ 2014ވަނަ އަހަރުގައެވެ. އަދި އެއަށް ފަހު ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރޝިޕުން ވަނީ އެޖަމާޢަތަށް ތާޢިދުކުރާ އިރުމަތީ އޭޝިއާ އެންމެން ހަޕިލޯންގެ އަމުރަށް ތަބާވުމަށް އަންގާފައެވެ. އޭނާ ހައްޔަރުކުރަން ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް އެމެރިކާއިން ވަނީ 5 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ.