ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 18:35
ޝެއިޚް  ތަމީމް ބިން ހަމަދު  އަލް ޘާނީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް
ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް
ރޮއިޓަރސް
ޤަތަރު-މެލޭޝިއާ
ގަތަރުގެ އަމީރު މެލޭޝިއާއަށް ވަޑައިގެންނެވީ ކީއްވެ؟
ދެ ގައުމުން ޚާރިޖީ ގުޅުން ގާއިމް ކޮށްފައިވަނީ 1974 ވަނަ އަހަރު
ޤަތަރުގެ ކުރީގެ އަމީރު ހަމަދު ބިން ޚަލީފާ ވަނީ 2009 ވަނަ އަހަރު މެލޭޝިއާއަށް ވަޑައިގެންފައި
މެލޭޝިއާގެ ރަސްގެފާނު ވަނީ 2010 ވަނަ އަހަރު ޤަތަރަށް ވަޑައިގެންފަ

   ގަތަރުގެ އަމީރު ޝެއިޚް  ތަމީމް ބިން ހަމަދު އަލް ޘާނީ، މިވަގުތު ގެންދަވަނީ ކެބިނެޓްގެ މެމްބަރުންނާއި ވިޔަފާރިވެރިންގެ ވަފްދަކާއެކު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ޒިޔާރަތް ކުރައްވަމުންނެވެ.

އާދީއްތަ ދުވަހު މެލޭޝިއާއަށް ވަޑައިގެންނެވި އަމީރު ވަނީ މެލޭޝިއާގެ ވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާއި ވަކިން ކާއްސަކޮށް ހަކަތައާއި އިގްތިސާދާ އަދި އިންވެސްޓްމަންޓްތާކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ރާއްވަވާފައެވެ.

ޤަތަރާ މެލޭޝިއާގެ އިގްތިސާދީ އަދި ސިޔާސީ ގުޅުމަށް ބަލާލުމެއް

ވަރލްޑް ކަޕް

*ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވަރލްޑް ކަޕަށް ތައްޔާރު ވުމަށް އެ ގައުމުގައި ގެންދަނީ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ރެއިލް ނެޓްވޯކާ، އަށް ސްޓޭޑިއަމާއި އަލަށް ބިނާ ކުރާ ލުސެއިލް ސިޓީ ހިމެނެއެވެ.

*މި އެންމެހާ މަޝްރޫއުތަކަށް ބޭނުންވާ ލަކުޑި އެކްސްޕޯޓް ކުރުމަށް ލިބޭ ފުރުސަތު ވެގެންދާނީ މެލޭޝިއާއަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ. ސައުދީއާ ގުޅިފައިވާ ކޯލިޝަނުން ޖޫން މަހު ގަތަރަށް ދަތިކުރުމުގެފިޔަވަޅު އެޅިފަހުން ސައުދީގެ ބަދަލުގައި ޤަތަރަށް ސްޓީލް ސަޕްލައި ކުރަނީ މެލޭޝިއާއިންނެވެ.

* މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބް އަހުމަދު ހަމީދީ ފެބްރުއަރީ މަހު ޤަތަރަށް ކުރެއްވި ދަތުރުފުޅުގައިވަނީ ވަރލްޑް ކަޕަށް ހިންގޭ މަޝްރޫއުތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

* ގަތަރުގައި އިމާރާތްކުރުމުގެ ދާއިރާ އާއި ހޮސްޕިޓާލިޓީ ދާއިރާގައި މެލޭޝިއާގެ 15 ކުންފުންޏެއް މަސައްކަތް ކުރެއެވެ.

ދެ ގައުމުގެ ވިޔަފާރި

*  ގަތަރާ މެލޭޝިއާއިން ވަނީ 2011 ވަނަ އަހަރު 2 ބިލިއަން ޑޮލަރުގެ ޖޮއިންޓް އިންވެސްޓްމަންޓް ފަންޑެއް ގާއިމްކޮށްފައި

* މެލޭޝިއާގެ ނޫސްތަކުން ބުނާގޮތުގައި 2016 ވަނަ އަހަރު ގަތަރާ މެލޭޝިއާއާ ދެެމެދު 566 މިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ.ގަތަރު ނިއުސް އޭޖެންސީން ބުނާގޮތުން މި އަދަދު މިހާރު ވަނީ 1.1 ބިލިއަން ޑޮލަރަށް އަރާފައެވެ.

* މެލޭޝިއާ އިން ޤަތަރަށް އެކްސްޕޯޓް ކުރާ ތަކެތީގެ ތެރޭގައި މެޝިނަރީއާއި،ލަކުޑީގެ އުފެއްދުންތަކާއި،ކަރަންޓް ސާމާނާއި އަދި ދަގަނޑުން އުފައްދާފައި ހުންނަ ތަކެތި ހިމެނެއެވެ.މެލޭޝިއާއިން 218 ގައުމަކަށް ލަކުޑި އެކްސްޕޯޓް ކުރާއިރު ލަކުޑީގެ އިންޑަސްޓްރީއަކީ 2020 ގެ ތަރައްގީގެ ޕްލޭނުގެ ތަޅުދަޑިކަމުގައިވަނީ ބެލެވިފައެވެ.

* ޤަތަރުން މެލޭޝިއާއިން އިމްޕޯޓް ކުރާ މައިގަނޑު އެއްޗަކީ ޕެޓްރޯލިއަމްއާއި،ކެމިކަލާއި، އެލުމެނިއަމްގެ އުފެއްދުންތަކާއި،ކުދި މެޝިނަރީއާ އިކުއިޕްމަންޓެވެ.

ޚާރިޖީ ގުޅުން

* އަމީރުގެ މި ދަތުރުފުޅު ކުރައްވަމުން މި ގެންދަވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުވެސް މެލޭޝިއާއަށް ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެެވެ. މެލޭޝިއާއިން ދަނީ ދެ ގައުމާއެކުވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ.

* ގަތަރާއި އަވަށްޓެރި ތިން ގައުމަކުން އެގައުމާ ގުޅުން ކަނޑާލުމުން މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ "ﷲ ގެ ހަޟުރަތުގަިއ ދުއާ ދަންނަވަނީ އަރަބިންގެ މެދުގައި އުފެދިފައިވާ ދެބަސްވުން އެކުވެރިކަމާއެކު ހައްލުވެ ގަލްފުގެ ސުލްހަ މަސަލަސްކަން އަލުން އިއާދަ ކުރައްވާ ފާނދޭވެ" އެވެ.

* ސަރަހައްދީ މައްސަލަތަކުގައި ޤަތަރާއި މެލޭޝިއާއިން ގެންގުޅެނީ އެއްގޮތް ސިޔާސަތުތަކެވެ. ޚާއްސަކޮށް އިސްރާއީލާއި ފަލަސްތީނުގެ  މައްސަލައާއި މިޔަންމާގައި ހިނގަމުންދާ ރޮހިންޖާ މައްސަލަ ހިމެނެއެވެ.

* ދެ ގައުމުން ޚާރިޖީ ގުޅުން ގާއިމް ކޮށްފައިވަނީ 1974 ވަނަ އަހަރު އިންޑޮނީޝިއާގައި ހުންނަ ޤަތަރު އެމްބަސީ މެދުވެރިކޮށެވެ. ޤަތަރުގައި ހުންނަ ކުއާލަލަމްޕޫރުގެ އެމްބަސީ ގާއިމް ކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.

* ޤަތަރުގެ ކުރީގެ އަމީރު ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީ 2009 ވަނަ އަހަރު މެލޭޝިއާއަށް ވަޑައިގެންފައިވާއިރު މެލޭޝިއާގެ ރަސްގެފާނު ވަނީ 2010 ވަނަ އަހަރު ޤަތަރަށް ވަޑައިގެންފައެވެ.

- ކޮމެންޓް