ކިރްގިސްތާނުގެ ތާރީހީ އިންތިހާބު ކުރީގެ ބޮޑުވަޒީރު ސޮރޫންބައި ޖީންބެކޯފް ފަސޭހަކަމާއެކު ކާމިޔާބު ކުރައްވައިފި އެވެ.
ކިރްގިސްތާނުގެ މިހާރުގެ ރައީސް އަލްމަޒްބެކް އަޓަމްބަޔޭފްގެ ތާޢީދާއެކު ރިޔާސީ އިންތިޚާބަށް ނިކުންނެވި ޖީންބެކޯފް ކިރްގިސްތާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ވޯޓު ލީ މީހުންގެ 50 އިންސައްތަ އަށްވުރެ ބޮޑު އަޣުލަބިއްޔަތެއް ހޯދައިގެންނެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވާދަވެރި ކެންޑިޑޭޓް އަދި ކުރީގެ ބޮޑުވަޒީރު އޮމަރްބެކް ބާބަނޯފް އަށް ލިބިފައިވަނީ ވޯޓު ލީ މީހުންގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއް ބައި ވޯޓެވެ.
ކިރްގިސްތާނުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ 97 އިންސައްތަ ވޯޓު ގުނާ ނިމިފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޖީންބެކޯފް ވަނީ 54 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. ޖުމްލަ 11 ކެންޑިޑޭޓުން ވާދަކުރި މިއިންތިޚާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ތެލުގެ ވިޔަފާރިވެރިޔާ އަދި މަހުޖަނު ބާބަނޯފް އަށް ލިބިފައިވަނީ 33 އިންސައްތަ ވޯޓެވެ. ކިރްގިސްތާނުގެ މަރުކަޒީ އިންތިޚާބީ ކޮމިޝަންގެ މިނަތީޖާތަކަށް ބުރަވާއިރު، އިންތިޚާބުގެ ދެވަނަ ބުރަކަށް ދާކަށް ނުޖެހެއެވެ.
އެހެންނަމަވެސް މިއިންތިޚާބުގައި ވޯޓު ލާފައިވަނީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.
މިއިންތިޚާބުގެ ކާމިޔާބީ ޖީންބެކޯފްގެ ސަޕޯޓަރުން ފާހަގަ ކުރަން ފަށާފައިވާއިރު، ވާދަވެރި ކެންޑިޑޭޓް ބާބަނޯފް ވަނީ އިންތިޚާބަށް އެޤައުމުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ކުރީގެ ސޯވިއެޓް ރިޕަބްލިކްގައި ހިމެނޭ ކިރްގިސްތާނަށް 1991 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން، އެޤައުމުގައި ސުލްޙަވެރިކަމާއެކު ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރެވެ. އެޤައުމަށް މިނިވަންކަން ލިބުނު ފަހުން އިންތިޚާބުކުރި ފުރަތަމަ ދެ ރައީސުންގެ ވެރިކަން ބަދަލުވީ، އާއްމުން މަގުތަކަށް ނިކުމެ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.
ޚުދުމުޚްތާރު ވެރިންގެ އަތްދަށުގައިވާ މެދުތެރޭ އޭޝިއާގެ އެހެން ޤައުމުތަކާއި ޚިލާފަށް، ކިރްގިސްތާނަކީ ޑިމޮކްރެޓިކް ޤައުމެކެވެ.
އެޤައުމުގައި 2010 ވަނަ އަހަރު އަމަލު ކުރަން ފެށި ޤާނޫނު އަސާސީގެ ދަށުން، އެޤައުމުގެ ރައީސުންނަށް ވެރިކަން ކުރެވޭނީ ހަ އަހަރުގެ އެއް ދައުރަށެވެ. ޤާނޫނު އަސާސީގެ ދަށުން މިހާރު ރައީސްގެ މަގާމުގައި ހުންނެވި އަޓަމްބަޔޭފް އަށް ދެވަނަ ދައުރަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ކިރްގިސްތާނުގެ ރިޔާސީ އިންތިޚާބަށް އަވަށްޓެރި ކަޒަކްސްތާނުން ނުފޫޒުފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ. އެގޮތުން ބާބަނޯފް އަށް މިއިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކަޒަކްސްތާނުން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވޭ ފަދަ މޭރުމަކުން ކިރްގިސްތާނުގެ މިހާރުގެ ރައީސް އަލްމަޒްބެކް އަޓަމްބަޔޭފް ވާހަކަ ދެއްކެވުމާއި ގުޅިގެން ކަޒަކްސްތާނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ކަޒަކްސްތާނުން ވަނީ ސަލާމަތީ ސަބަބުތަކާއި ހެދި ކަމަށް ބުނެ، ދެޤައުމު ގުޅޭ ސަރަޙައްދީ ރޮނގުގައިވާ ކަޒަކްސްތާނުގެ ބޯޑަރުގައި ކަސްޓަމްސްގެ ބެލުންތައް ހަރުކަށިކޮށްފައެވެ.
ބާބަނޯފް އަކީ ކަޒަކްސްތާނުގައި ތެލުގެ ވިޔަފާރި ކޮށްގެން މުއްސަނދިވި މަހުޖަނެކެވެ. ކަޒަކްސްތާނުން ބާބަނޯފް އަށް ތާއީދުކުރާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރެއެވެ.