އަބީޖާން އެއާޕޯޓުން ފުރިތާ ވަގުތު ކޮޅެއްގެ ތެރޭގައި އައިވަރީ ކޮސްޓްގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ކާގޯ އުފުލާ މަތިންދާ ބޯޓުން ދަތުުރުކުރި ހަތަރު މީހުން މަރުވެ ހަ މީހުން ޒަޚަމްވި ކަމަށް އޮފިޝަލުން ބުނެފިއެވެ.
ދިހަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓުގެ ބައިތައްވަނީ ގޮނޑުދޮށަށް ލައްވެފައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކުން ވަނީ ޒަޚަމްވި މީހުންނަށް ގޮނޑުދޮށުގައި ފަރުވާ ދީފައެވެ.
މަރުވި ހަތަރު މީހުންނަކީ މޮލްޑޯވާގެ ރައްޔިތުންނެވެ.ޒަޚަމްވި ހަމީހުންގެ ތެރޭގައި ފްރާންސްގެ ހަތަރު މީހުންނާއި މޮލްޑޯވާގެ ދެ މީހުން ހިމެނެއެވެ.
އައިވަރީ ކޮސްޓްގެ ފުލުހުން ބުނެފައި ވަނީ ބޯޓް ވެއްޓުނު އިރު ގެންދިޔައީ ބޯޓް ޖެއްސުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
އެގައުމުގެ ޚަބަރު ވެބްސައިޓެއް ކަމަށްވާ އައިވަޮރ މާޓިން ގައި ބުނެފައިވާ ގޮތުގައި ބޯޓް ވެއްޓުމުގެ ހާދިސާއަށް ފަހު އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެއީ ކްރޫ މެމްބަރެއްކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެެއެވެ.
ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާގޮތުގައި ބޯޓް ވެއްޓިފައި ވަނީ ބޯ ވާރެއާއި ވިދުވަރާއެކު އައި ކޮޅިގަނޑެއްގައި ޖެހިއެވެ.
އެ ބޯޓަކީ ޔޫކްރެއިންގައި އުފައްދާފައިވާ އެންޓޮނޮވް ބޯޓެކެވެ. އޭއެފްޕީގައި ބުނެފައިވާ ގޮތުން ފްރާންސްގެ އަސްކަރިއްޔާއިން ޗާޓަރު ކޮށްފައިވާ މި ބޯޓް ބޭނުން ކުރަނީ ފްރާންސްގެ އަސްކަރިއްޔާއިން އިސްލާމީ ހަނގުރާމަވެރިންގެ ނަމުގައި އުޅޭ ފަރާތްތަކާ ދެކޮޅަށް ހިނގާ އޮޕަރޭޝަނުގައެވެ.