ދަ އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސް ކޮމެޓީން ހާވީ ވެއިންސްޓެއިން ބޭރުކޮށްލައިފިއެވެ.
އެއެކަޑަމީން ހޮލީވުޑްގައި ފާހަގަ ކޮށްލެވޭ ހާވީ ވެއިންސްޓެއިން ބޭރުކޮށްލާފައިވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ އަދި ރޭޕްގެ ތުހުމަތު ތަކަކާއި ގުޅިގެންނެވެ.
މިގޮތައް ނިންމާފައިވަނީ އެއެކަޑަމީގެ ކުއްލި ބޯޑް ބައްދަލުވުމެއްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ވޯޓުން ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.
އެކަޑަމީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއްކޮށް މަސައްކަތުގައި އުޅުނު މީހަކު ބޭރު ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ތުހުމަތުގެ އިނގިލި ދިއްކުރެވޭ މީހަކު އެފަދަ މާހައުލެއްގައި ހުރުމަކީވެސް އެ އިންޑަސްޓްރީގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން މިކަމުން ދޭހަވާ ކަމަށެވެ.
އޭނާއާ މެދު މިފަދަ ތުހުމަތެއް ފުރަތަމަ ކުރީ އެކްސްޕްލޯސިވް ނިއުޔޯކް ޓައިމްސްގެ މިދިޔަ ހަފްތާގެ އަދަދުގައެވެ.
ބުރާސްފަތި ދުވަހު އެމެރިކާގެ އެކްޓްރެސްއެއް ކަމަށްވާ ރޯސް މެކްގޮވަން ވަނީ، ހާވީ ވެއިންސްޓެއިން އޭނާ ރޭޕްކޮށްފައިވާކަމަށް ބުނެފައެވެ. 65 އަހަރުގެ ހާވީ ވެއިންސްޓެއިންއާއިމެދު މިފަދަ ތުހުމަތެއްކުރި މީ ހަތަރުވަނަ މީހާއެވެ.
އެކަޑަމީގެ ބޯޑުން ބުނީ އަބަދުވެސް އެކަޑަމީން އެމީހުންގެ ހަރުދަނާ އުސޫލުތައް ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށާއި މިފިޔަވަޅަކީވެސް އެގޮތުގެ މަތިން އެޅުނު ފިޔަވަޅެއް ކަމަށެވެ.