ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުންތަކެއް އިސްތިއުނާފު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާގެ މައްސަލައާ ގުޅޭ ގޮތުން އެ މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައިވާ ތިން ނިންމެވުމެކެވެ. އެއީ
- ފާރިސްގެ ރިޝްވަތު ހިފުމުގެ ދައުވާ ސައްހަ ކަމަށް ނިންމެވުން
- ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ބަދަލު ނުކުރަން ނިންމެވުން
- މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމެވުން
މި ތިން ނިންމެވުމަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ނިންމަވާފައިވާ ނިންމުންތަކެވެ. އަދި އެ ނިންމުންތައް ލިޔުމުން ދޭނެ ކަމަށް ގާޒީ ވިދާޅުވި ނަމަވެސް އެ ލިޔުންތައް އެ ކޯޓުން ދޫކޮށްފައިނުވާއިރު އިސްތިއުނާފު ފޯމް ބަލައި ނުގަނެފައިވަނީ އެ ލިޔުންތަކާ ނުލާ ހުށަހެޅުމުން ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ފާރިސްގެ ދިފާއީ ވަކީލް މައުމޫނު ހަމީދު ކްރިމިނަލް ކޯޓަށް ފޮނުއްވާފައިވާ ސިޓީއެއްގައި އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ހިނގައިދިޔަ ކަންކަން ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން ގާޒީގެ އެ ނިންމެވުންތައް އިސްތިއުނާފު ކުރުމަށް ގަސްތުކުރައްވާ ވާހަކަ އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ދަންވާފައިވާ ކަމާއި އަދި އެ ނިންމުންތައް ދެއްވާނެކަމަށް ގާޒީ ވިދާޅުވެފައިވާކަންވެސް މައުމޫނު ހަމީދުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި ފާރިސްއަށް އިސްތިއުނާފުގެ ހައްގު ގެއްލިގެން ދަނީ ކްރިމިނަލް ކޯޓުން އަމަލު ކުރަމުންދާ ގޮތުން ކަމަށްވެސް ދަންވާފައިވެއެވެ.
ގާޒީގެ ނިންމެވުންތައް ލިޔުމުން ހުށަނާޅައި އިސްތިއުނާފު ފޯމް ހުށަހަޅަން ޖެހުނީ އެ ލިޔުންތައް ދިނުމަށް ކޯޓުގައި އެދުމުންވެސް ޖަވާބެއް ނުދިނުމުން ކަމަށާއި އަދި އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ ކުރިން އެ ފޯމް ހުށައަޅަން މަޖުބޫރުވުމުން ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިސްތިއުނާފު ފޯމް އެ ހާލާތުގައި ބަލައި ނުގަތުމަށް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ ޤާނޫނީ ކޮން ހަމައަކުންކަން އަންގައިދިނުމަށްވެސް މައުމޫނު ހަމީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ދިވެހި ރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާ މައްސަލައިގެ އިސްތިއުނާފު ފޯމް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ފޯމް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއަށް ބާރުލިބިދޭ ޤާނޫނީ ހަމައަކީ ކޮބައިކަންވެސް އަންގަވާ ދެއްވުމަށް މައުމޫން ހަމީދު އެދިވަޑައިގެންފައިވެއެވެ.
އެހެން ނަމަވެސް އެ ފޯމް ބަލައިނުގަނެ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެހެންކަމުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތަކަށް ވަނީ އެދިފައެވެ.
މިހާރު އަމަލުކުރަމުންދާ ގޮތުން، ހައިކޯޓުގައި މައްސަލައެއް އިސްތިޢުނާފު ކުރުމަށް އެކަމާއި ގުޅޭ ލިޔުންތައް ހުށަހަޅަންޖެހެނީ ކްރިމިނަލް ކޯޓަށެވެ. މައްސަލަ ހައިކޯޓަށް ފޮނުވާނީ ކްރިމިނަލް ކޯޓުންނެވެ.
މި މައްސަލައިގައި ފާރިސްގެ މައްޗަށް އެންމެ ފުރަތަމަ ކޮށްފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެހެން ނަމަވެސް، ފާރިސްގެ ވަކީލުން އެކަން ފާހަގަ ކުރެއްވުމާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމަށް ދަޢުވާ ބަދަލުކޮށްފައެވެ.
ފާރިސްގެ މައްޗަށް ދައުވާކޮށްފައި ވަނީ އޯގަސްޓް 22 ވަނަ ދުވަހުއެވެ. މައްސަލައިގެ ލިޔެކިޔުން ފާރިސްއާ ހަވާލުކޮށްފައި ވަނީ އޯގަސްޓް 28 ވަނަ ދުވަހުއެވެ.
ޤާނޫނުލްއުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާ ކޮށްފައިވާއިރު އެ މާއްދާގައި ބުނެފައި ވަނީ އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުމާއި، އެ މަންފާއަކީ ޤާނޫނުގައި ހުއްދަ ކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން ނުވަތަ ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި އޮތް އެއްޗަކަށްވެއްޖެނަމަ އެކަން ކުރާ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.
މިއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ ގޮނޑި ގެއްލޭނެއެވެ.
ފާރިސްގެ މައްޗަށް ދައުލަތުން ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ މެޖޯރިޓީއަށްވުރެސް އިތުރަށް، 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.