ސޯޝަލް މީޑިއާގައި މިދުވަސްވަރު އެންމެ ބޮޑަށް ދައުރުވަނީ އެފޮޓޯތަކެވެ. ފަތުއަޑުކިޔާ އެންމެބޮޑަށް ވައިގާ ހިފާފައިވަނީ އެޓްވީޓްތަކެވެ. ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ މީހުން އަރުވާޖަހާފައި ރީޓްވީޓްކޮށް ލައިކްދީ ހަދަނީވެސް އެ ޓްވީޓްތަކާއި އެޕޯސްޓްތަކަށެވެ. ފެންނަ ފެނުމަށް ބަޔަކަށް އާކަމެއް ކުރެވިއްޖެއެވެ. ބަޔަކު މީހުން އާ ތަނަކަށް ހިނގައްޖެއެވެ. ޕީޕީއެމްގެ މަޖިލިސް މެންބަރުން އިނގިރޭސި ވިލާތުގެ ކޮންޒަރވޭޓިވް ޕާޓީއާ ބައްދަލު ކޮށްފިއެވެ. އެޕާޓީގެ އަހަރީ ޢާއްމު ބައްދަލުވުމުގައި ޕީޕީއެމްގެ ހެޔޮވަރު ވަފުދެއް ބައިވެރިވެއްޖެއެވެ. ދައުރުވަނީ އެފޮޓޯތަކެވެ. ސޯޝަލް މީޑިޔާ ފްލަޑްވެގެން މިއުޅެނީ އެސެލްފީތަކުންނެވެ. ޕާޓީ ކުދިންކޮޅު ރީޓްވީޓްކޮށް ކޮމެންޓްތައްކޮށް ތައުރީފް އޮއްސަމުން އެދަނީ އެހެންވެގެންނެވެ. އެކަކަށް ވުރެ ގިނައިން އަނެއްކެއްގެ ތަސްވީރު ދެއްކޭތޯ އެއުޅެނީ ކުރެވުނު މޮޅު ކަންތައްތަކުންނެވެ.
މުޅިއަކުން ގޯހެއް ނޫނެވެ. ތަނަކަށް ހިނގައްޖެ ނަމަ އެކަމުގެ ހަނދާންތައް ހުންނާން ވާނެއެވެ. އެކުރިކަމެއްގެ ނިޝާންތައް ފެންނާންވާނެތާއެވެ. އެކަންކަމަށް މިއަދު އޮތް އެންމެ ބޮޑު ވަސީލަތަކީ ފޮޓޯ ނެގުމެވެ. ސެލްފީތަކަކީ މީހާއަށް މީހުންގެ ސަމާލުކަން ހުއްޓި އެމީހާ މަޝްހޫރު ވެދާނޭ ކަމަކަށް ބައެއް މީހުން ބަލާ އުޅޭ އެއްޗެއްވެސް މެއެވެ.
A delegation of PPM attending the Annual Conference 2017 of the Conservative Party, UK at Manchester. @Shiyamaldives @Jameel_Usman pic.twitter.com/BX44gIMOZ9
— Sec General-PPM (@sgppmmv) October 2, 2017
ޕީޕީއެމް ކުދިންކޮޅަށް އެކަން އެހެން ނުކޮށް ދޫކޮށް ނުލެވޭނެ އެހެން ސަބަބެއްވެސް އެބައޮތެވެ. ބައްދަލުވީ އިނގިރޭސި ވިލާތުގެ ކޮންޒަރވޭޓިވް ޕާޓީއާއެވެ. ސަލާންގަލާންކޮށް ކޮނޑާ ކޮނޑު ޖައްސާ ފޮޓޯ ނެގުނީ އެޕާޓީގެ ވެރިންނާއެކުއެވެ. ޚާއްޞަ ވަނީކީ އެހެން ވެގެނެއްވެސް ނޫނެވެ. ހިތްހަމަޖެހިގެން މިއުޅެނީކީ ދޮން ފަރަންޖީ އަންހެން ކުދިން ކޮޅަކާއެކު ފޮޓޯއެއް ނެގުނީތީއެކަންޏެއްވެސް ނޫނެވެ. ހަމަ ކޮންޒަވޭޓިވް ޕާޓީއަށް ވީމައެވެ. އެއްކަލަ ކޮންޒަރވޭޓިވް ޕާޓީއެވެ. ރާއްޖެއިން އިސްލާމްދީން ފުހެލަން އެމްޑީޕީގެ ބައިގަނޑާ ގުޅިގެން އުޅޭ ކޮންޒަރވޭޓިވް ޕާޓީއެވެ. ރާއްޖޭގައި ފައްޅިއަޅަން ފައިސާ ދޭ ހަރުބީ ކާފަރުންގެ ޕާޓީ ކޮންޒަރވޭޓިވް ޕާޓީއެވެ. އެމްޑީޕީ ވެރިން ލައްވާ ރާއްޖޭގެ މާތްވެގެންވާ އިސްލާމްދީން ފުހެލާ ރާއްޖޭގައި ޣައިރުދީން ފަތުރަން އުޅުނު ބައިގަނޑު ހިމެނޭ ކޮންޒަރވޭޓިވް ޕާޓީއެވެ. ފައިސާ ދީގެން ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް އެމްޑީޕީއަށް ހިތްވަރުދޭ ކޮންޒަރވޭޓިވް ޕާޓީއަށް ވީކަމެވެ. ލާދީނީ އަންނި ޕްރޮމޯޓްކޮށް އެމީހުންގެ ބާރުގައި ރާއްޖޭގައި އެއަންނި ބަހައްޓަން އުޅުނު އިނގިރޭސި ވިލާތުގެ ކޮންޒަރވޭޓިވް ޕާޓީއާ ބައްދަލުވީމައެވެ.
Attending Conservative Party Annual Conference 2017, Manchester, UK@VaguthuOnline pic.twitter.com/NjqqhYG0y9
— Jameel Usman JU (@Jameel_Usman) October 2, 2017
ޚާއްޞަވެ އުފަލުން ނަށަނީކީ އަދި އެމީހުންނާ ބައްދަލުވެ އެމީހުންގެ އަހަރީ ޢާއްމު ޖަލްސާއިން ސަރުބަތު ތައްޓެއް ބޯން ލިބިގެނެއް ނޫނެވެ. ބޮނޑިބަތް ކޮޅެއް ނޫނަސް ޓަރކީކޮޅެއް ކާލާ ހަވާސާގެ ތެރެއިން އެއަންނަ ހިތް އުފާކޮށްލުމުގެ ތެރޭގައި ނިވިދިއްލޭ ބޮކީގެ ފަނޑު އަލީގައި ކޮރެއް ޖައްސާލެވިގެނެއްވެސް ނުމެ ނޫންމެއެވެ. އެއަށްވުރެ މާބޮޑު ކަމެއް ވީތީއެވެ. ނުލިބޭ ވަރުގެ މާސިންގާހާ ބޮޑު ފަޚުރެއް ލިބުނީތީއެވެ.
ފަސްގިނަ ކުރާކަށް އިތުރަށް ކޮންނާނެ ކަމެއް ނެތެވެ. ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް ދަމާކަށް ނޫޅެމެވެ. ލާދީނީ އިނގިރޭސިވިލާތުގެ "ކާފަރު ކޮންޒަރވޭޓިވް ޕާޓީ އިސްލާމްވެއްޖެއެވެ" އެމީހުން އިސްލާމްދީން ޤަބޫލުކުރި ހަފްލާ ކުލަގަދަކޮށް ބާއްވައިފިއެވެ. އެބޮޑު ހަފްލާގައި ބައިވެރިވާން އެލިބުނީ ޕީޕީއެމް ކުދިންކޮޅަށެވެ. ލާދީނީ ވީމާ އެމީހުންނާ ހަތަރުކަޅި ހަމަ ނުކުރާންވެސް ތިބި ޕީޕީއެމް ކުދިންކޮޅަށެވެ. ޝަރަފަކަށް ވީ އެމީހުންނާ އެންމެބޮޑަށް ގުޅުން ބޭއްވި އެމްޑީޕީ ކުދިންނަށް ދައުވަތު ކާޑެއްވެސް ނުފޮނުވީތީއެވެ. އީމެއިލްއަކުންވެސް ދައުވަތު ނުދީ ކޯޓުލައްވާ ދެކޮޅުގައި ފުއްޖައްސުވާ ޕީޕީއެމް ކުދިންކޮޅު ގެންގޮސް އިއްޒަތުގައި ބޭތިއްބީތީއެވެ.
We thank @Conservatives for the special invitation to the Annual Conference. No doubt this wud further strengthen our ties. #CPC17 pic.twitter.com/hgOSdvV4yl
— Ahmed Shiyam (@Shiyamaldives) October 2, 2017
ކޮންމެއަކަސް މަނަމަވެސް އެފަދަ ކަމެއްގައި ބައިވެރިވެވިއްޖިއްޔާ އުފަލުން ހަމަ ފޮޅޭނެއެވެ. ކިތައްމެ ދެރަވެފައި ފޮޓޯތަކަށް ނުބަލާން އުޅުނަސް އެމްޑީޕީ ކުދިންނަށްވާ ހަމަ ސަލާމެވެ. ކަލޭމެން ކިތަންމެ ގާތުގައި އުޅުނަސް އެފަޚުރުވެރި ޝަރަފަކުން ތިޔަ މީހުންނަކަށް މިފަހަރަކު ޖާގައެއް ނުލިބުނެވެ. ކިތައްމެ ކަޑަވެފައި ތިއްބަސް ކުރާނެ ކަމެއް ނެތެވެ. "ލާދީނީ ކޮންޒަރވޭޓިވް ޕާޓީ އިސްލާމްދީން ޤަބޫލުކޮށް އިސްލާމްދީން ކުރިއެރުވުމަށް ނިންމި ހަފްލާއިން" ޖާގަ އެލިބުނީ ޕީޕީއެމް ކުދިންކޮޅަށެވެ. އާކުކުޅަކަށް ގާބިސް އެޅުނަސް މިފަހަރު އެބިސް އެއެޅުނީ ހަމަ ޕީޕީއެމް ކުދިންނަށެވެ.