ބީއެމްއެލްގެ ބްރާންޗްތަކުން ޑޮލަރު ގަތުމަށް ބުކިން ހެދުން ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ޔޫއެސް ޑޮލަރު ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮންލައިންކޮށް ޑޮލަރު ބުކްކުރެވޭނެ ސިސްޓަމެއް ވަނީ ތަޢާރަފްކޮށްފައި ކަމަށެވެ. އެހެންކަމުން މި ސިސްޓަމް ތަޢާރަފްކުރުމާ އެކު ދަތުރުވެރިން ޑޮލަރު ގަތުމަށް ބޭންކްގެ ބްރާންޗްތަކުގައި ކިޔޫގައި ޖެހިގެން ތިބެން ނުޖެހި، ފުރުމުގެ ކުރިން އެއަރޕޯޓުން ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔުންވީ މި ނިޒާމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑުވި ސަބަބެއް ކަމަށެވެ.
ބްރާންޗްތަކުން ޑޮލަރު ވިއްކުމަށް އާންމުކޮށް ބުކިން ހެދުން ހުއްޓާލުމަށް ނިންމާފައިވީ ނަމަވެސް އޮންލައިންކޮށް ބުކިންގ ހެދުމަށް ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ ކަސްޓަމަރުންނަށް ބްރާންޗްތަކުން ޑޮލަރު ބުކިންގ އަދިވެސް ހަދައިދެމުން ދާނެ ކަމަށް ބީއެމްއެލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ބީއެމްއެލުން ބުނީ ބްރާންޗްތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލި ކަމުގައި ވީނަމަވެސް ހަނިމާދޫ އަދި ގަން އެއަރޕޯޓުން ފުރާ ކަސްޓަމަރުންނަށް އެއަރޕޯޓާ އެންމެ ކައިރި ބްރާންޗަކުން ޑޮލަރު ބުކިންގ ހެދުމުގެ ޚިދުމަތް އަދިވެސް ފޯރުކޮށްދެމުން ގެންދާނެއެވެ.