ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ފޯރު ކޮށްދޭ ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ފަސް ރަށަކަށް ޚިދުމަތް ފޯރުކޮށްދީފި އެވެ.
އެ ޚިދުމަތް ފޯރުކުރެވުނު ރަށްތަކަކީ އދ. ދަނގެތި، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި އަދި އއ. ބޮޑުފުޅަދޫ އެވެ. އެ ރަށްރަށުގައި ވެސް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައިވެ އެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ފައިބާ ޚިދުމަތަށް އެދޭ ފަރާތްތަކަށް، ފައިބާ ބްރޯޑްބޭންޑް ގުޅައިދިނުމުގެ ފީ މުޅިން ހިލޭ ދިރާގުން ފޯރުކޮށްދޭނެއެވެ. ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެއް ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ.
ދިރާގުން ފައިބާ ނެޓްވޯކް ގާއިމްކޮށް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ކ.ތުލުސްދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ލ. ގަން، ލ. ފޮނަދޫ ވ. ކެޔޮދޫ، ވ.ފުލިދޫ، ވ.ތިނަދޫ އަދި ބ. ދަރަވަންދޫގަ އެވެ.