ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބުރާސްފަތި ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އައްޑިހަ އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގު ޒިކްރާ މިސްކިތް ކައިރީގައި ތިބި ބިދޭސީންނެވެ. އެ އެންމެނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރި ހުރިހާ ބިދޭސީން ގެންގޮސްފައި ވަނީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށެވެ.
އެތަނުގައި ސްކްރީން ކުރުމަށް ފަހު ގަވާއިދާ ހިލާފު ވެފައިވާ ބިދޭސީން ޑިޕޯޓްކުރާނެ ކަމަށާއި އެހެން ބިދޭސީން ދޫކޮށްލާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ވިސާ އޮތް މީހުން ދޫކޮށްލާނީ އެ މީހާގެ ސްޕޮންސަރު ދިއުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހިންގާނެ ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.
ބިދޭސީން ހައްޔަރުކޮށްފައިވާ އެ ސަރައްދަކީ ކޮންމެ ދުވަހަކު ހެނދުނު ގިނަ ބިދޭސީން އެއްވާ ސަަރައްދެކެވެ.