ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ އަޑުއެހުމެއް މާދަމާއަށް ޝެޑިއުލް ކޮށްފިއެވެ.
ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ބުދަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ބަންދުގައި ބަހައްޓަން ނެރުނު އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ހައިކޯޓުގައި ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 10:15 އަށް ކަމަށެވެ.
ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގައެވެ.
ފާރިސްގެ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައި ވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ނިންމާލާފައި ވަނީ މައްސަލައިގައި އިތުރަށް ސާފުކުރާނެ ކަމެއް ނެތް ނަމަ ދެން ބާއްވާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށް އިއުލާނުކުރެއްވުމަށް ފަހުއެވެ.
އޭގެ ފަހުން އެ މައްސަލަ ނިންމުމަށް އޯގަސްޓް 20 ވަނަ ދުވަހަށް ޝަރީއަތް ތާވަލުކުރިއެވެ. އެހެން ނަމަވެސް، ވަކި ސަބަބެއް ހާމަކުރުމެއް ނެތި އެ ދުވަހުގެ އަޑުއެހުން ކޯޓުން ކެންސަލް ކުރިއެވެ. އަދި ހުކުމް ކުރުމުގެ މަރުހަލާއަށް ގޮސްފައިވަނިކޮށް ފާރިސްގެ މައްސަލަ ބައްލަވާ ބެންޗް ވަނީ ބަދަލުކޮށްފައެވެ.
ފާރިސްގެ އިސްތިއުނާފް މައްސަލަ ކުރިން އޮތީ ހައިކޯޓުގެ ބީ8 ސެކްޝަންގައެވެ. އެހެން ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ނިމިފައި އޮންނަތާ މަހެއްހާ ދުވަސް ފަހުން މައްސަލަ ތާވަލުކުރި އިރު މައްސަލަ އޮތީ ބީ6 ސެކްޝަންގައެވެ.
ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ ޝަކްސު އޮޅުވާލުމުގެ ދައުވާ އާއި ރިޝްވަތު ދިންކަމުގެ މައްސަލައިގާ ފާރިސްގެ މައްޗަށް މިހާރު ވަނީ ދައުވާ ކޮށްފައެވެ. އަދި އެޝަރީއަތް ހިނގަމުންދާއިރު އަދިވެސް ފާރިސް ހުރީ ބަންދުގައެވެ.