ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ އިޤްތިސާދަށް ވަންނަ ފައިދާ ދަށްވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މަޓާޓޯއިން އާންމުކުރި "އިމްޕޯޓަންސް އޮފް ޑެސްޓިނޭޝަން މާރކެޓިން" ރިޕޯޓުން ދައްކާ ގޮތުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވެފައިވީ ނަމަވެސް ރާއްޖެއަށް ވަންނަ ފާއިސާގެ ނިސްބަތް ދަށްވެފައިވާ ކަމަށެވެ.
ރާއްޖެއަށް 2016 ވަނަ އަހަރު 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އިންޑިޔާ ސަރަހައްދުގައި ފަތުރުވެރިކަމުގެ އެންމެ ކުރީގައި އުޅޭ އެއްތަނަކީ ރާއްޖެ ކަމަށްވާއިރު އެކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މަޓާޓޯގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން މިރިޕޯޓުގައި ވަނީ ދުނިޔޭގެ ކުރިއަރަމުން އަންނަ ބައެއް މާރކެޓްތައް ކަމަށްވާ ޗައިނާ، ސީޝެލްސް އަދި ޔޫރަޕްގެ ބައެއް މާރކެޓްތަކާ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓާއި އަޅާ ކިޔުމަށް ފަހު ހުރި ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރި ކަމަށް އެކަށީގެންވާ ބަޖެޓެއް ނެތްކަން ފާހަގަކޮށް ފާއިތުވި އަހަރުގެ ބަޖެޓުން ވެސް ޓުއަރިޒަމް މިނިސްޓްރީ އެދުނު ބަޖެޓްގެ އެންމެ ވިހި އިންސައްތަ ދީފައި ކަމަށް ބުނެފައެވެ. އެހެން ކަމުން މި އަދަދަކީ ދުނިޔޭގެ މާރކެޓުގައި ރާއްޖޭ ބްރޭންޑް ކުރަން އެންމެ އެކަށީގެންވާ މިންވަރު ނޫން ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ރާއްޖޭގެ ޖީޑީޕީގެ ތިން ބައިކުޅަ ދެބައި ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށް ވާތީ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ގޮސްފައިވާ ގޮތަށް ބަލާއިރު ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 443 ގެސްޓް ހައުސް ވަނީ މިދާއިރާއަށް ތަޢާރަފްވެފައި ކަމަށާއި އެގޮތުން މިމާރކެޓް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި މަޓާޓޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ފާއިތުވި އަހަރު ވަނީ "މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް" ރާއްޖޭގެ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާފައެވެ. މީގެ އިތުރުން ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ 15 ޓްރެވެލް ޝޯވްއެއްގައި ބައިވެރިވެފައެވެ.
މަޓާޓޯއިން މިއަންނަ މަހުގެ 30 ވަނަ ދުވަހު ބާއްވާ ގެސްޓްހައުސް އެޑިޝަނަށް ހުށަހެޅި ނަންތަކުގެ ތެރެއިން ގެސްޓްހައުސް އެޑިޝަނަށް ނޮމިނޭޓްވި ފަރާތްތަކަށް ވޯޓުލުމަށް މިރޭ 12 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.
ނޮމިނޭޝަންސްގަ ތަފާތު އެކި ކެޓަގަރީތަކުން 90 އަށްވުރެ ގިނަ ގެސްޓް ހައުސް ނޮމިނޭޓް ވެފައިވާއިރު ބުދަ ދުވަހުގެ 00:00 އިން ފެށިގެން އެއް މަސްވަންދެން ވޯޓް ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މިފަހަރުގު ގެސްޓްހައުސް އެޑިޝަނަށް ޖަޖުކުރުމުގައި 40 ޕަސެންޓް ބޭނުން ކުރާނީ ޓްރިޕް އެޑުވައިޒާގެ ރިވިއުއަށް ކަމަށާއި އަދި ބާކީ 60 ޕަސެންޓް ޖަޖުކުރާނީ އެސްއެމްއެސް އަދި އޮންލައިން ވޯޓިން ބޭނުން ކޮށްގެން ކަމަށް މަޓާޓޯއިން ބުންޏެވެ.
މީގެ އިތުރުން މަޓާޓޯއިން ދަނީ މޯލްޑިވްސް ޓްރެވެލް އެވޯޑަށް ވެސް ތައްޔާރުވަމުންނެއެވެ. މިއެވޯޑް ހަފްލާ އޮންނާނީ ނޮވެމްބަރ މަހުގައެވެ.