ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރުމާ ގުޅިގެން އިންޓަނެޝަނަލް ކޮމިޝަން އޮފް ޖުރިސްޓްސް (އައިސީޖޭ) އިން އެކަން ކުށްވެރި ކޮށްފި އެވެ.
ރާއްޖޭގެ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން 56 ވަކީލުން ސަސްޕެންޑްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވަކީލުން ސަސްޕެންޑް ކޮށްފައި ވަނީ ބައިނަލްއަގްވާމީ ގަވާއިދުތަކާއި ހަމަތަކާ ވެސް ޚިލާފަށް ކަމަށެވެ. އެހެން ކަމުން އައިސީޖޭން ވަނީ އެއްވެސް ޝަރުތަކާ ނުލާ ސަސްޕެންޝަން އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން، ގިނަ އަދަދެއްގެ ވަކީލުން އެއްފަހަރާ ސަސްޕެންޑް ކުރުމުން މިފަދަ ގާނޫނީ ކަންކަމުގައި އުޅޭ އެހެން ފަރާތްތައް ވެސް ސުޕްރީމް ކޯޓު ނުވަތަ ޝަރުއީ ދާއިރާއާ މެދު ހުންނަ ކަންބޮޑުވުންތައް ފާޅުކުރަން ޖެހިލުން ވުން އެކަށީގެންވާ ކަމަށް އައިސީޖޭ އިން ފާހަގަކޮށްފައި ވެއެވެ.
އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި އިންސާފުވެރި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި ވަކީލުންގެ ރޯލު މުހިންމު ކަމަށް ވެސް ބަޔާނުގައި ވެއެވެ. ގަނޫނީ ފަރާތްތަކުގެ މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ މުއައްސަސާއަކުން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އައިސީޖޭ އިން ފާހަގަ ކުރިއެވެ.
ވަކީލުންނާ މެދު އަޅާ ފިޔަވަޅަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް އެޅޭ ފިޔަވަޅުތަކަކަށް ވާންޖެހޭ ކަމަށާއި ގާނޫނީ ދާއިރާގެ މިނިވަންކަމަށް އިހްތިރާމްކުރުމަށް ވެސް އައިސީޖޭ އިން ވަނީ ގޮވާލާފައެވެ.
އައިސީޖޭ އިން ބަޔާނުގައި ބުނެފައި ވަނީ ވަކީލުން އިސްލާހުކުރުމުގެ ނަމުގައި ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި މިނިވަންކަމާ އެކު ވަކީލުންގެ މައްސަލަތައް ބެލޭނެ ނިޒާމެއް ގާއިމުކުރުމަށް އެހީތެރިވުން މުހިންމު ކަމަށެވެ.
ވަކީލުން ސަސްޕެންޑްކުރި މައްސަލައިގައި އައިސީޖޭ އިން ކަންބޮޑުވުން ފާޅުކުރި އިރު އިންޑިއާގެ ސުޕްރީމް ކޯޓު ބާ އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.