ފްލެޓްތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ފޮނުވި މައުލޫމާތު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ އެއްވެސް މެންބަރުންނަށް ނުދިނުމަށް އެކޮމެޓީގެ މުޤައްރިރު ރިޔާޒް ރަޝީދު އަންގަވާފައިވާ ކަމަށް އެކޮމެޓީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ބުދަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ފްލެޓް ތަކާ ގުޅިގެން ފޮނުވި މައުލޫމާތު ކޮމެޓީގެ އެއްވެސް މެންބަރަކަށް ނުދިނުމަށް ރިޔާޒް ރަޝީދު މަޖިލިސް ސްޓާފުންނަށް ޤަވާއިދާ ޚިލާފަށް ވަނީ އަންގާފައި،" ކަމަށެވެ.
Flat thaka gulhigen fonuvi mauloomaath committee ge evves MP akah nudhinumah Riyaz Rasheed majlis staff ah qavaidha khilaafah vany angaafa. pic.twitter.com/mMBrf4oy8k
— MP Rozaina Adam (@Roxeyna) September 27, 2017
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ ބަދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހުން ނިންމަވާފައި ވަނީ ފްލެޓް ލިބޭ ކަމަށް ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މީހުންގެ މައުލޫމާތާއި މާކްސް ލިބިފައިވާ ގޮތުގެ ތަފްސީލް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ ކޮމެޓީ އަށް ފޮނުވުމަށް ހައުސިން މިނިސްޓްރީ އަށް އެންގުމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު ވީހާ ވެސް އަވަހަކަށް ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެގޮތައް އެދިފައިވަނިކޮށް ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް އަންގާރަ ދުވަހު އާއްމުކުރުމަށް ފަހު ބުދަދުވަހު ހައުސިންގ މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކޮމެޓީން އެދުނު ހުރިހާ ކަމަކަށް އެއްބާރުލުން ދެއްވާފައިވާނޭ ކަމަށެވެ.
ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ.