ނުރައްކާތެރި ކަމަށް ފުލުހުންނަށް ބެލެވޭ 16 މީހެއްގެ ޓެގް އެޅުވުމަށް ކޯޓު އަމުރެއް ނެރެދޭން އެދުމަށް ހޯމް މިނިސްޓްރީގައި ފުލުހުން އެދިއްޖެ އެވެ.
ބުދަ ދުވަހު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މޮނިކޮން އަމުނު ނެރެ ދިނުމަށް ފުލުހުންގެ ފަރާތުން އެ މީހުންގެ މައުލޫމާތު ހޯމް މިނިސްޓްރަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބުރާސްފަތި ދުވަހު ޓެގް އެޅުވުމުގެ ކަންކަން ފެށިގެންދާނެ ކަމަށެވެ. އެ 16 މީހުންނަކީ މާލޭގައި ހިންގާ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ ހަރާކަތުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބެން ޖެހޭނެ ކަމަށް ބެލެވޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ތެރޭގައި ޖިނާއީ ދައުވާއެއް ކުރެވި ނަމަވެސް ފުލުހުންގެ ހައްޔަރުގައި ނުބޭތިއްބޭ މީހުން ތިބި ކަމަށެވެ.
ޝިފާން ވިދާޅުވީ މާލޭގައި ހިނގާ މާރާމާރީތައް ހުއްޓުވުމަށް ކުރިއާލާ އެކަންކަން ނުހިނގާނެ ގޮތައް ކަންތައް އަބަދުވެސް ރާވާމުންދާ ކަމަށެވެ.
"ކޮންމެ ދުވަހަކީ އިންޓެލިޖެންސްއަށް ލިބޭ މައުލޫމާތައްބަލާ އެތަކެއް އޮޕަރޭޝަނެއް ހިންގާނެ ދުވަހެއް. އެހެން ނަމަވެސް މި ވެށީގެ އަމާންކަމަށްޓައި ނުވަތަ އަޅުގަނޑުމެންގެ ސައިކޮލަޖީ އަމާންކޮން ބޭއްވުމަށްޓަކައި އަޅުގަނޑުމެން ބޭނުމެއް ނުވޭ އެ މައުލޫމާތު އެހާ ތަފްސީލުކޮށް އާންމު ކުރާކަށް،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނެއްކާވެސް ޓެގް އަޅުވަން ފެށުމަކީ ނުރައްކާތެރި ޖަރީމާތައް މަދުކޮށް އަމަން އަމާން މާހައުލެއް ގާއިމުކޮށް ކުށް މަދުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނު ދަށުން މީހުންގެ ޓެގް އެޅުވޭނީ ހައި ކޯޓުން ނެރޭ އަމުރެއްގެ ދަށުންނެވެ. އަދި އެ އަމުރު ނެރުމަށް ހައި ކޯޓުގައި އެދެނީ ފުލުހުން ހޯމް މިނިސްޓަރަށް ދެންނެވުމުން މިނިސްޓަރު ނިންމަވާ ގޮތެއްގެ މަތީންނެވެ.
މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެ އެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެ އެވެ. އެގޮތުން އެ މީހުންގެ މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.
ޓެގް އަޅުވަން ފެށުނީ މި ސަރުކާރުގައި ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވިއިރެވެ. އަދި އަލުން ޓެގް އަޅަވަން މި ފަށަނީ އޭގެ ފަހުން ދުވަސްތަކެއް މެދު ކެނޑިފައި އޮތުމަށް ފަހު އެވެ.
ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އަށް ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމަކީ ވެސް އުމަރު މިނިސްޓަރަކަށް ހުންނެވި އިރު ޓެގް އެޅުވުމުން އެ ހުކުމާ ހިލާފުވެގެން އެއް އަހަރު ދުވަހަށް ޖަލަށްލާފައިވާ މީހެކެވެ. އޭނާ މިނިވަންވީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.