ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އަށް ވަޅިއަކުން ހަމަލާދީ މަރާލީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ދެބަސްވުމުގެ ތެރެއިން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފި އެވެ.
ނަދީމްގެ މަރާ ގުޅޭ ގޮތުން މައުލޫމާތު އާންމު ކުރުމަށް ބުދަ ދުވަހު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ނަދީމް މަރާލި މީހުންގެ މައުލޫމާތާއި އެކަން ހިނގިގޮތް އާންމުކޮށްފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތްކޮޅުގައި ހުންނަ ޓާމިނަލް ކެފޭގައި ނަދީމް ހުއްޓާ ހަމަލާދިނީ ކުރިން ރާވައިގެން ކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ދިޔަ މީހުންގެ ތެރެއިން ދެ މީހަކު މައްޗަށް އަރާ ނަދީމްގެ އިތުރުން އެހެން މީހަކަށް ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށާއި. ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް މި މަހުގެ 20 ވަނަ ދުވަހު ދައުވާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިގޮތުން ހަމަލާދޭން މަސައްކަތްކޮށްފައިވަނީ ބަދިގޭގައި ގެންގުޅޭ ޒާތުގެ ވަޅިންކަން ވެސް ފާހަގަ ކުރަން. އަދި މި ދެންނެވި ވަޅިތައް އެ ސީނުން ވެސް އެއްކުރެވިފައިވާކަން ފާހަގަ ކުރަން އެވިޑެންސްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
ހަމަލާ ދިނުމަށް ފަހު އެމީހުން އެތަނަށް ދިޔަ ސައިކަލްތަކުގައި ފިލައިގެން ގޮސްފައިވާ ކަމަށާއި ފުލުހުން ހޯދި ވޯޑިއޯ ފޫޓޭޖްތަކަށް ފަހު އޭގެ ތެރެއިން ފުރަތަމަ މީހާ ވެސް ހައްޔަރު ކުރެވުނީ އޯގަސްޓް 11 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަދީމަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ނޫން ކަމަށާއި ނަމަވެސް ނަދީމްގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ޖިނާއީ އެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ނަދީމް މަރުވެފައިވަނީ އޭނާއަށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ޖުލައި 29 ވަނަ ދުވަހުއެވެ.