ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޗުއާ ތިއަން ޕޮ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބުދަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލު ކުރެއްވުމުގައި، ނައިބު ރައީސް ޖިހާދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ހާރިޖީ ގުޅުމަށް 42 އަހަރު މިއަހަރު ފުރޭތީ އެކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލަށް އިންތިހާބު ކުރެވުނު ސިންގަޕޫރުގެ ރައީސް ހަރ އެކްސެލަންސީ ޙަލީމާ ޔައުޤޫބަށް އެމަނިކުފާނުގެ ތަހުނިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސިންގަޕޫރުގެ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރުގެ އިންވެސްޓަރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރުމުގެ ޝައުގުވެރިކަން ފާހަގަ ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޖިހާދުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލް އަހުމަދު ހަލީލާއި، ފޮރިން ރިލޭޝަންސްގެ އަންޑަރސެކްރެޓަރީ ފައްޔާޒް ޝާތިރު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.