ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ހަންތަކެއް ހޯދައި، ވެލިދޫން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ބަނގުރާ ކައްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 2017 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ ރޭގެ 01:10 ހާއިރު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ފަހުއެވެ.
މި އޮޮޕަރޭޝަނުގައި ނ. ވެލިދޫގެ އެކި ސަރަޙައްދު ބަލައިފާސްކުރިއިރު ނ. ވެލިދޫ އުތުރުފަރާތު ހޭޅިފަށުގައި އޮތް ލޯންޗެއްގެ ކައިރިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ 3 ހަން ފެނިފައިވާއިރު ކޯޓުއަމުރެއްގެ ދަށުން ވެލިދޫ ގެއެއް ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ ދެ ހަމާއި ފަސް ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.