އަންނަ ޑިސެމްބަރ މަހު ގޯތި ދޫކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ގަމު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ބުދަ ދުވަހު ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ގަމުން ގޯތި ދޫކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް ހައުސިންގް މިނިސްޓްރީގެ ވަފުދެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ހައުސިންގް މިނިސްޓްރީގެ ވަފުދުން ސާފްކުރަންޖެހޭ މައުލޫމާތުތައް ސާފު ކުރުމަށް ފަހު މި އަހަރު ޑިސެމްބަރ މަހުގެ ތެރޭގައި ގޯތި ދޫކުރުވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
" ގޯތި ދޫކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ގަމު ކައުންސިލަށް އަންގާފައި، ހައުސިންގް މިނިސްޓްރީ ބުނީ މިނިސްޓްރީގެ ވަފުދާއި އެކު ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުން، ޑިސެމްބަރ މަސްތެރޭގައި ގޯތި ދޫކުރެވޭނެ ކަމަށް ލަފާ ކުރެވޭ" ޝިޔާމް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ގަމުން ގޯތި ދޫކުރުމަށް އެކި ފަހަރު މަތިން ވަނީ އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް ހައުސިންގް މިނިސްޓްރީ ގޯތި ދޫކުރަން ހުއްދަ ނުދިނުމުން، ކައުންސިލަށް ވަނީ ގޯތި ދޫކުރެވޭ ގޮތް ނުވެފައެވެ.
ޝިޔާމް ވިދާޅުވީ މިނިސްޓްރީން ހުއްދަ ދީފައިވާ ނަމަ، މިހާރު ހުށަހަޅާފައިވާ އެޕްލިކޭޝަންތަށް ބާތިލް ނުކުރާނެ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކޮށް ވެސް ނިމިފައިވާކަން ފާހަގަ ކުރަމުން ޝިޔާމް ވިދާޅުވީ އަލުން ގޯތި ދޫކުރުވޭ އަދަދު ބެލުމަށް ފަހު އަލުން އިއުލާން ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިންގް މިނިސްޓްރީގެ ވަފުދުން ދަނީ 1998 ވަނަ އަހަރު ގަމުގެ ސިނާއީ ސަރަހައްދުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ މައްސަލަ ބަލަމުންނެވެ. ރައީސް މައުމޫންގެ ސަރުކާރުން ލ.ގަމުގެ ސިނާއީ ސަރަހައްދުން އޭރު ވަނީ މާލޭގެ ކަމުވޮށިވެގެންވާ މީހުންނަށާއި، ބައެއް ވިޔަފާރި ވެރިންނަން ގޯތި ދޫކޮށްފައެވެ. އެގޮތުން ގަމުގެ ސިނާއީ ސަރަހައްދުން ޖުމްލަ 540 އަށް ވުރެ ގިނަ ގޯތި ދީފައިވާއިރު ، އަދި ވެސް އޭގެ ތެރެއިން ގިނަ ގޯތިތަކުގެއި އިމާރާތް ކޮށްފައެއް ނުވެއެވެ. އެކަމާއި އެރަށު ރައްޔިތުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުނެވެ.
"މިދިޔަ ކައުންސިލްގެ ދައުރުގައި އެ ވަނީ އެއް އަހަރުގެ މުއްދަތެއް ދީފައި ، ގޯތީގައި އިމާރަތް ކުރަން ، އެކަން ނުކޮށްފިނަމަ ، ގޯތިތައް ނަގާނެ ކަމަށް، ގާނޫނީ ގޮތުން ގޯތިތަށް ނެގުމަކީ މައްސަލައެއް ނޫން، އެކަމަކު ރާއްޖޭގެ އެއްވެސް ރަށެއްގައި އެގޮތަށް ގޯތި ދޫކޮށްފައި ނުވާތީ ، ހައުސިންމިނިސްޓްރީގެ ހުއްދަ ލިބިގެން އެކަން އެގޮތައް ވަނީ" ގަމު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވިއެވެ.