އެތައް މިލިޔަން ރުފިޔާއެއްގެ ބޮޑެތި ކޮރަޕްޝަން ހިންގުމުން އަދަބު ދޭން ނުކެރޭ ވެރިއަކު ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި، ސައީދު ވިދާޅުވި ގޮތުގައި، ކަތީބެއްގެ ބޮލުގައި ސިމެންތި ބަސްތާއެއްގެ މައްސަލަ އަޅުވައި އަދަބު ދީފައި އެއަށްވުރެ ބޮޑެތި ކުށްތައް ކުރާ މީހުންނަށް އަދަބު ނުދިނުމަކީ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ކަމަށެވެ. އެހެން ކަމުން މިލިޔަން ރުފިޔާގެ ބޮޑެތި ކޮރަޕްޝަން ހިންގުމުން އަދަބު ދޭން ނުކުރޭ ވެރިއަކު ރާއްޖޭގައި ހުރެގެން ދައްކާނެ ވާހަކައެއް ނުހުންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައްޔިތުންގެ ފައިސާ އިން އެތައް ބިލިއަން ޑޮލަރުގެ ހިޔާނާތްވިއިރު، އެކަމުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ކެރުނު ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަން ހިންގަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަ ފިއްތުންތަކުގައި ދިވެހިން ބޭނުންވާ އުންމީދުތައް ހާސިލް ކުރުމުގައި ކެރިވަޑައިގަންނަވާނެ އަމާނާތްތެރި ލީޑަރެކެވެ.ހަމައެހެންމެ ރައީސް މައުމޫން އަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި އިރު ވަސީލަތްތައް ނެތޭ ވިދާޅުވެ ގާމީހަށް ރުލެއް އަރުވާ ނުލާ ދިއުމުން އެ ކުރެވުނީ ކޮންކަމެއްތޯ ސުވާލު ކުރެއްވިއެވެ.
"ވަސީލަތްތައް ކުޑަ ގައުމެކޭ ކިޔައި ގަމީހަށް ރުލެއް އަރުވާނުލައި 30 އަހަރު ވަންދެން ވެރިކަން ކުރައްވާފަ ދިޔައިމާ އެކުރެވުނީ މަސައްކަތްތޯ؟" ސައީދު ސުވާލު ކުރެއްވެވި އެވެ.
މީގެއިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުވާލި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަށް ވެސް މިނިސްޓަރު ސައީދު ވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ސައުދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަކީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ އިހްސާސްތައް ރައީސް އަބްދުﷲ ޔާމީނާ ހިއްސާ ކުރެއްވުމަށް ތިއްބެވި ބޭފުޅުންނެވެ. އެކަމަކު، ކަމެއް ނުވެއޭ ކިޔާފައި، މެމްބަރުން ރައީސް ޔާމީން ދޫކުރައްވައި ވަޑައިގަންނަވަން "ލަދުގަންނަން" ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދާއިރާގެ ނިމިދިޔަ މެމްބަރަށް އަޅުގަނޑު ދަންނަވާނީ މައާފަށް އެދެން އެބަޖެހޭ، ދިވެހިން ރައްޔިތުންގެ ކިބައިން. ކިހިނެއްވެފައިތޯ އޭ ތި ހުންނެވީ؟" ސައުދަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރަށްރަށުގެ ތަަރައްގީއަށްޓަކައި ރައީސް ޔާމީން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދެއްކުމުގެ ޖާގައެއް ނުއޮންނާނެ ކަމަށެވެ. މެމްބަރުން ތިބެން ޖެހޭނީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރާ ކަންކަންމުގައި އެއްބާރުލުން ދޭން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.