ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ބުދަ ދުވަހުގެ ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ކޫއްޑޫ އެއަރޕޯޓާއި، ކޫއްޑޫގައި ތަރައްގީކޮށްފައިވާ މާރކިއޯ ހޮޓެލްސް މޯލްޑިވްސް ކޫއްޑޫ އަދި އެއަތޮޅު ވިލިނގިލީގައި ބިނާކުރެވިފައިވާ "މަސްޖިދުލް އިޚްލާސް" މިސްކިތްވަނީ ހުޅުއްވައިދެއްވާފައެވެ.
ކޫއްޑޫ އެއާޕޯޓް އަލުން ހުޅުވާފައިވަނީ މި އެއާޕޯޓުގައިކުރިން އޮތް 1200 މީޓަރު ދިގު ރަންވޭ 1800 މީޓަރަށް ދިގުކޮށް އެއަރޕޯރޓް އިތުރަށް ތަރައްގީ ކުރުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން މި ބަދަލުތަކާއެކު ކޫއްޑޫ އެއާޕޯޓް ވަނީ ކެޓަގަރީ 2 ސީ ގެ އެއާޕޯޓަކުން ކެޓަގަރީ 3 ސީ ގެ އެއާޕޯޓަކަށް ބަދަލުވެފައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މިދަތުރުފުޅުގައި ރައީސް ޔާމީން ހުޅުއްވައިދެއްވި މަރކިއޯ ކޫއްޑޫ ހޮޓަލަކީ ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ މެދުފަންތީގެ 68 ވިލާ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ރިޒޯޓް ހޮޓެލެއް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި ރައީސް ޔާމީންގެ ދެކަނބަލުން ވަނީ ކޮލަމާފުއްޓާއި ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.