ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ޝޯޓް ލިސްޓް ކުރި ބޭފުޅުންނާ އިންޓަވިއުކުރަން ބުދަ ދުވަހު ފަށައިފި އެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ބުނީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުއަށް ޝޯޓް ލިސްޓްވި ފަރާތްތަކާ އިންޓަވިއުކުރުން ބުދަ ދުވަހުގެ ހެނދުނު 9:00 ގައި ފަށާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ޖޭއެސްސީ އިން އިއުލާނު ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ޖޭއެސްސީއިން ފުރަތަމަ އިއުލާނު ކުރީ ދެ ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ގާޒީން ހޯދުމަށެވެ. އޭގެ ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓަށް ހޯދަން ބޭނުންވާ ގާޒީން އަދަދު ހަތަރަކަށް އިތުރުކޮށްފަ އެވެ.
އެ ހަ މަގާމަށް ޖުމްލަ 31 ބޭފުޅަކު ކުރިމަތިލެއްވިއިރު، ޝޯޓްލިސްޓް ވެފައިވަނީ 21 ބޭފުޅުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 48،000 ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީންނަށް 46،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.
ކްރިމިނަލް ކޯޓަށް ގާޒީން ހޯދަން އިއުލާނު ކޮށްފައިވާއިރު، އެކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކޮށް، ގާޒީ އަހުމަދު ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލު ކޮށްފަ އެވެ.
މީގެ އިތުރުން ޖޭއެސްސީއިން ވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފަ އެވެ.