ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިލޭ އެހީގެ ދަށުން ގއ. ވިލިގިލީގައި ބިނާކޮށްދެއްވި މިސްކިތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންގާރަ ދުވަހު ހުޅުއްވައިދެއްވައިފި އެވެ.
ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން"'މަސްޖިދުލް އިޚްލާސް" ގެ ނަމުން ނަން ދެވިފައިވާ އެ މިސްކިތް ރައީސް ޔާމިން ހުޅުއްވައި ދެއްވީ އަންގާރަދުވަހުގެ އިރު އޮއްސުނު އިރުއެވެ.
ހަތް ސަތޭކަ މީހުންގެ ޖާގައިގެ މަސްޖިދުލް އިޚްލާސް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ޔާމީން ވަނީ އެ މިސްކިތުގައި ޖަމާއަތުގައި މަޣްރިބް ނަމާދު ކުރައްވާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް އިމާރާތް ކުރަން ފަށާފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 25 ގައި ކަމަށާއި މަސަތްކަތް އެއްކޮށް ނިންމާލެވިފައި ވަނީ މިއަހަރުގެ މެއި 25 ގައި ކަމަށެވެ. އެ މިސްކިތް އިމާރާތް ކުރުމަށް ޖުމްލަ އަށް މިލިއަން ރުފިޔާ ހަރުދުކުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ސައުދީގެ ހިލޭ އެހީގައި މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިސްކިތްތައް ބިނާކޮށްފައެވެ.
ރައީސް ޔާމީން އަންގާރަދުވަހުގެ ހަވީރު އެރަށަށް ވަޑައިގަތުމުން އެ ރަށުގައި ވަނީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލާފައެވެ.