ފްލެޓް ލިބުނު މީހުންގެ ނަންތައް ސިއްރުކުރުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅައި އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދަނިކޮށް، ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް ހައުސިންގ މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
ފްލެޓް ލިބޭ ކަމަށް ކުރިން ނެރުނު ވަގުތީ ލިސްޓާ އެއްގޮތަށް ފައިނަލް ލިސްޓްގައި ވެސް ވަނީ ހަމައެކަނި ފްލެޓަށް އެދުނު ފްމް ނަމްބަރު އެކަންޏެވެ. އިތުރު އެއްވެސް މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ.
"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވެ، މާލެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ފައިނަލް ލިސްޓް ހައުސިން މިނިސްޓްރީ އިއުލާން ކުރިއިރު އެންޓި ކޮރަޮޕްޝަން ކޮމިޝަނުން ދަނީ ފްލެޓްތަކާ ގުޅޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ހައުސިންގ މިނިސްޓްރީން އިއުލާނުކުރި ފުރަތަމަ ލިސްޓްގައި ފްލެޓް ލިބޭ މީހުންގެ ނަން ހިމަނާފައިނުވާތީ ގިނަ ބަޔަކު ވަނީ ޝަކުވާ ހުށަހަޅާފަ އެވެ. ނަމަވެސް ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓް ލިބޭ މީހުންގެ ނަންތައް އިއުލާން ނުކުރައްވާނެ ކަމަށެވެ.
ފްލެޓްތަކާ ގުޅޭ މައްސަލަ އޭސީސީ ބަލަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވެސް އެމައްސަލަ ވަނީ ހުށަހަޅާފަ އެވެ. އަދި ފްލެޓް ލިބޭ މީހުންނާއި މާކްސް ދީފައިވާ ގޮތުގެ ތަފްސީލްތައް ހޯދުމަށް އެކެމެޓީން ވަނީ ހައުސިންގ މިނިސްޓްރަށް ދަންނަވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައުލޫމާތުތައް ހައުސިންގ މިނިސްޓްރީން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ހައުސިންގ މިނިސްޓްރީން އިއުލާން ކުރިއިރު، އެއިއުލާންގައި ބުނެފައި ވަނީ ފްލެޓްތައް ލިބޭ ފަރާތްތުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގައި ކަމަށެވެ.
ހައުސިންގ މިނިސްޓްރީ އާއްމުކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކޮށް ނޭނގޭ ގޮތަށް ފުލެޓް ލިބުނު 661 މީހެއްގެ ފްލެޓަށް ހުށައެޅި ފޯމް ނަމްބަރުތަކެވެ.
ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ތެރެއިން ފްލެޓް ލިބުނު ކަމަށް ބުނާ 500 މީހުންގެ ފޯމް ނަމްބަރާއި ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ފްލެޓް ލިބުނު ކަމަށް ބުނާ 161 މީހުންގެ ފޯމް ނަމްބަރެވެ.
ފައިނަލް ލިސްޓްގައި ކޮންމެ ވެސް ވަރަކަށް ބަދަލުތައް އައިސްފައި ވެއެވެ.