ނިމިގެންދިޔަ އޯގަސްޓްމަހު ކ. ހިންމަފުށީގައި ހުންނަ ފެން ޕްލާންޓެއްގައި މަރުވި ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ، މިއަހަރުގެ އޯގަސްޓްމަހުގެ 19 ވަނަ ދުވަހު ކ. ހިންމަފުށީގައި މަރުވި ބިދޭސީ މީހާގެ މައްސަލައިގެ ތަހުޤީޤު ނިންމައި 2 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް އަންގާރަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
އުމުރުން 38 އަހަރުގެ ބިދޭސީ މީހާ މަރުވި މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދިޔައިރު، މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ރޭގަނޑު އެ ފެން ޕްލާންޓްގެ ސެކިއުރިޓީ ބަލަހައްޓާ، ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކާއި، ފެން ޕްލާންޓްގެ މެނޭޖަރެއްގެ މަގާމުގައި ހުރި މީހާ ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި މި ދެމީހުން ހައްޔަރުކުރި ނަމަވެސް، ދައުވާ ކުރުމަށް އެދި ފޮނުވާފައި ވަނީ މި ދެމީހުންގެ މައްސަލަކަމެއް ފުލުހުން ޔަޤީންކޮށް ނުދެއެވެ.
ލައިފް ބްރޭންޑްގެ ފެން އުފައްދާ އެ ޕްލާންޓް ހިންގާ ހެޕީ މާކެޓް ކުންފުނީގެ ފަރާތުން، ޑޮކްޓަރުންނާއި ހަވާލާދީ މީގެ ކުރިން ބުނެފައި ވަނީ، ބިދޭސީ މީހާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް މަރުވި ބިދޭސީ މީހާއަށް އަނިޔާކޮށްފައިވާ ކަމަށް ފެން ޕްލާންޓްގައި މަސައްކަތްކުރާ ބައެއް އެހެން ބިދޭސީން ބުނެފައި ވާތީ، އެ މައްސަލަ ތަހުޤީޤު ކުރުމަށް ފުލުހުންނާއި ހަވާލު ކުރީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މަރުވި ބިދޭސީ މީހާއަށް އަނިޔާކޮށްފައިވާ ކަމަށް ފެން ޕްލާންޓްގައި މަސައްކަތްކުރާ ބައެއް ބިދޭސީން ތުހުމަތު ކުރާއިރު، ހިންމަފުށީގެ ރައްޔިތުން ބުނާ ގޮތުގައި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް ފެން ޕްލާންޓްގައި މަސައްކަތްކުރާ ބިދޭސީންނަށް އާންމުކޮށް ބިރުދައްކައި އަނިޔާކުރާ ދެމީހުންނެވެ.