ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހަށް ވަދެ، ގާނޫނު ތަންފީޒް ކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ދީފި އެވެ.
ގާނޫނު ތަންފީޒް ކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ 12 މެންބަރެއްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް ގަދަކަމުން ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަދެފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ.
ޖުލައި 24 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގައި ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 42 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މައްސަލައިގެ ވޯޓު ނަގަން ޖެހޭ ދުވަހެވެ. އެހެންނަމަވެސް، މަސީހުގެ އިތުބާރުގެ އެ މައްސަލަ ބާތިލް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ދައުވާކޮށްފައިވާ 12 މެންބަރުންނަކީ:
- ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
- ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު
- ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ)
- ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
- ހެންވޭރު ދެކުނު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ)
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
- ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
- މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
- ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އަންގާރަ ދުވަހު ބާއްވާފައިވާއިރު، ހުރިހާ މެންބަރުންގެ ވެސް އެދިވަޑައިގަތީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ވަކީލެއްގެ ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން، ހާއްސަކޮށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވާ ހުރިހާ ވަކީލުން ކަހަލަ ގޮތަކަށް ސަސްޕެންޑް ކޮށްފައި ވާތީ، މެންބަރުން ވަނީ ވަކީލުން އައްޔަންކުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވާފަ އެވެ.
ބައެއް މެންބަރުން އެދިވަޑައިގަތީ ވަކީލުންގެ ސަސްޕެންޝަން އުވާލި ދުވަހަކުން މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަނެއް ބައި މެންބަރުން ވިދާޅުވީ ވަކީލުންގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި ވާތީ، މިހާލަތަށް ރިއާޔަތް ކުރައްވާ ދެ މަސް ދުވަހެއްހާ ދުވަސް ވަކީލުން އައްޔަން ކުރުމަށް ދެއްވުމަށެވެ.
މެންބަރުން ވިދާޅުވީ އުނދަގޫތަކާއި ބިރުދެއްކުމާއި ނުފޫޒުތަކާ ކުރިމަތި ވާތީ މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރެއްވުމަށް ބައެއް ވަކީލުން ފަސްޖެހެމުންދާތީ ވަކީލަކު ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
އެހެން ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދެވެން އޮންނަ އެންމެ ދިގު މުއްދަތަކީ 10 ދުވަސް ކަމަށާއި އެހެންކަމުން ހުރިހާ މެންބަރުންނަށް ވެސް 10 ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށެވެ. އެ 10 ދުވަހުގެ ފަހުން ވެސް މަގުބޫލު ސަބަބަކާ ގުޅިގެން ވަކީލަކު ހަމަޖެއްސިފައިނުވާނަމަ އިތުރު ފުރުސަތެއް ދިނުމާ މެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާނޫނު ތަންފީޒް ކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށް ބުނެ 12 މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިތުރުން، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުގެ މައްޗަށް އިތުރު ދައުވާއެއް ކޮށްފައިވެއެވެ.
އެ ތިން މެންބަރުންގެ މައްޗަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލިސް އިދާރާއަށް ވަދެވަޑައިގެންފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ވެސް އަންގާރަ ދުވަހު ބޭއްވި އެވެ.
އެ މައްސަލައިގައި ވެސް ތިން މެންބަރުން އެދިވަޑައިގަތީ ވަކީލަކު ހަމަޖެއްސުމަށް ދެވެން އޮތް އެންމެ ދިގު މުއްދަތެއް ދެއްވުމަށެވެ. އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތް ކުރައްވައި ގާޒީ ދެއްވީ 10 ދުވަހުގެ ފުރުސަތެކެވެ.
އަމީތާއި، ސައުދު އަދި ވަހީދުގެ މައްޗަށް ވަކިން ކުރާ ދައުވާގެ އިތުރުން 12 މެންބަރުންގެ މައްޗަށް އެއްކޮށް ކުރާ ދައުވާގެ އިބްތިދާއީ ދެވަނަ އަޑުއެހުން ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުގެ މެންދުރު 3:00 ގަ އެވެ.