ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ސަރުކާރުން ދީފައިވާ މުއްދަތު ތިން ވަނަ ފަހަރަށް ކަރަކްޝަނަލް ސާވިސް އިން އިތުރުކޮށްދީފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮިފިޝަލް ވިދާޅުވީ ގޭސިމް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އެންމެ ފަހުން ދީފައިވާ 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވެފައި ވާތީ މުއްދަތު އިތުރުކުމަށް ގާސިމްގެ ފަރާތުން ޑޮކްޓަރުގެ ލިޔުންތައް ކަރެކްޝަންސް އަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ލިޔުންތަކަށް ބެލުމަށް ފަހު ގާސިމްގެ ބޭސްފަރުވާ އަށް މާދަމާއިން ގެށިގެން ފަސް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގާސިމް ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފުރަތަމަ ހުއްދަ ދީފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު އިތުރު 10 ދުވަސް ކަރެކްޝަނުން ވަނީ އިތުރުކޮށްދީފައެވެ.
ގާސިމަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން އެހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޯޓު ތެރެއަށް ޤާސިމް ވެއްޓިވަޑައިގަތުމާ ގުޅިގެން ހޮސްޕިޓަލުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާދެމުން ގެންދަނިކޮށް އެރޭ ދަންވަރު ގާސިމްގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް އެހުކުމުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ގާސިމް ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ގައެވެ. އަދި އެއަށްފަހު ޓެސްޓުތައް ހެދުމަށްފަހުގައި ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޮޕަރޭޝަނަށްފަހު ތިން މަސްދުވަސްވަންދެން އެގައުމުގައި މަޑުކުރައްވާ ޓެސްޓުތައް ހައްދަވަން ޖެހޭކަމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.