ފަނޑިޔާރަކު ބްލެކްމެއިލް ކުރިމަކުގެ ތުހުމަތުގައި ހައްޔަރުކޮށް، ތިން ދައުވާއެއް އުފުލާފައިވާ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން ގޭބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޒައިދުލް އަމީން ގޭބަންދުން ދޫކޮށްލައި ވަނީ 30 ދުވަސް ވަންދެން މާލޭ ބަންދުގައި ހުންނަ ގޮތަށެވެ. އަދި މާލެ ފިޔވައި އެހެން ތަނަކަށް ނުދިޔުމަށާއި އަދި ޝަރީޢަތުން އަންގާ ކޮންމެ ވަގުތެއްގައި ޝަރީޢަތަށް ހާޒިރުވުމަށް ވަނީ ޝަރުތުކޮށްފައެވެ.
ޒައިދުލް އަމީން ގޭބަންދުން ދޫކޮށްލަން އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ ގާނޫނީ ވަކީލެއް ނެތިއެވެ. އަދި އޭނާ ގޭ ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ ޒައިދުލް އަމީންގެ ފަރާތުން ކޯޓަށް ހުށަހެޅި ސިޓީ އަށް ފަހުއެވެ.
އެގޮތުން އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ޒައިދުލް އަމީންގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ޒައިދުލް އަމީން ޝަރީޢަތް ނިމެންދެން ގޭ ބަންދުގައި ބެހެއްޓުމަށް މި އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދިރިއުޅުމަށް އާންމުދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ޒައިދުގެ ވަކީލްގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
ސިޓީގައި ވިދާޅުވެފައި ވަނީ ޒައިދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުދި ކުށްތަކެއްގެ މައްޗަށް ކަމަށްވާއިރު އެފަދަ މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަކީ ކްރިމިނަލް ކޯޓުން މިހާރު އަމަލު ކުރަމުންދާ އުސޫލް ނޫން ކަމަށެވެ. އަދި ޒައިދުގެ މައްޗަށް އުފުލަފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ކުރާނެ ހުކުމުގެ ބޮޑުބައި މިހާރު ވެސް ބަންދުގައި ހުރުމުގެ ސަބަަބުން ތަންފީޒްވެފައިވާ ކަމަށް ބަލަން ޖެހޭތީ އެކަން ވެސް ވެސް ކޯޓުގެ ސަމާލު ކަމަށް ގެންނަ ކަމަށް ޒައިދުގެ ވަކީލްގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
ޒައިދުގެ މައްޗަށް ތިން ދައުވާއެއް ކޮށް، ޝަރީއަތް ހިންގަމުންދަނީ ފަނޑިޔާރު އަލީ ހަމީދު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ރެކޯޑްކޮށް، އެ ތަކެތި ވިއްކަން މަސައްކަތް ކުރި ކަމަށް ބުނެއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ އާއި، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ އެވެ.
އެ ތިން ދައުވާއަށް ވެސް ޒައިދު އިންކާރު ކުރައްވާފައިވާއިރު، އާންމުންނާއި ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ކުރިއަށް ގެންދާ ޝަރީއަތުގެ މަރުހަލާ ނިމި މިހާރު ވަނީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމާ ހަމަ އަށް ގޮސްފައެވެ.
ޒައިދުގެ މައްޗަށް ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ ކޮށްފައި ވަނީ ފަނޑިޔާރަކު ދެއްކެވި ވާހަކަތަކެއް ރެކޮޑްކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދިރިއުޅުއްވާ އެޕާޓްމެންޓަށް ގޮސް، ފަނޑިޔާރު ދެއްކެވި ވާހަކަތަކެއް ސިއްރުން ރެކޯޑް ކުރި ކަމަށް ބުނެ އެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ ކޮށްފައި ވަނީ ފަނޑިޔާރު ދެއްކެވި ވާހަކަތަކުގެ ރެކޯޑިންގ ވިއްކަން އުޅުނު ކަމަށް ބުނެ އެވެ.