ރައީސް އަބްދުﷲ ޔާމީން ގއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާތީ، އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގޮތަށް ދަމާފައިވާ ދިދަ ތަކާއި ފޮތިތަކާއި ބަނދަރުގައި ހަރުކޮށްފައިވާ ޕޯސްޓަރުތައް ނަގަން ފަށައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން ވިލިނގިއްޔަށް ވަޑައިގަތުމަށް ހަމަޖެފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމުންވެސް ބަނދަރުގައި ދިދަ ފަތިތައް ދަމާފައި ވާއިރު، އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާތީތަކަށް ތާއީދުކުރާ ފަރާތްތަކުންވެސް ވަނީ ދިދަ ފަތިތައް ދަމާފައެވެ. ނަމަވެސް ޕީޕީއެމްގެ ދިދަފަތިތައް ނެގުމަށް ނާންގައި، ފުލުހުންވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަމާފައިވާ ދިދަތައް ނަގައިފަ އެވެ. އެ ދިދަތައް ނަގާފައިވަނީ މަނާކަމެއް ކަމަށް ބުނުމަށް ފަހުއެވެ.
ބަނދަރުގައި ހުރި ދޯނި ފަހަރުވެސް ނެގުމަށް އަންގައި ފުލުހުން ވަނީ އިންޒާރުދީފަ އެވެ. ފުލުހުން ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވާއިރު ދޯނި ފަހަރު ފަޅުގައި އެޅުމަކީ، މަނާ ކަމެއް ކަމަށެވެ. ނަމަވެސް އެ ދޯނިތައް ހުރީ، ރައީސް ވަޑައިގަންނަވާ ސަރަހައްދާ 200 ފޫޓް ދުރުގައެވެ.
ދޯނިފަހަރުގައި ދަމާފައިވާ ރީނދު ކުލައިގެ ފޮތިތައްވެސް ނެގުމަށް ވަނީ އަންގައިފަ އެވެ. ފުލުހުން އަންގާގޮތެއްގެ މަތިން ނުނަގައިފިނަމަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ނިންމައި، ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސްދިންކަމަށް ދޯންޏެއްގެ ވެރި ފަރާތުން ރާއްޖެޓީވީއަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.
ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގަންނަވާތީ ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.