ސިންގަޕޫރުގެ ތަރައްގީގެ ބާނީ، ލީކުއަންޔޫއާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްލެވުނު މި ސަރަހައްދުގެ ހަމައެކަނި ލީޑަރަކީ ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ އަބްދުލް ގައްޔޫމް ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ކޫއްޑޫގައި ތަރައްގީ ކޮށްފައިވާ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އިގްތިސާދީ ގޮތުން މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ތަަރައްގީ ރާއްޖެ އަށް ގެނެސްދެއްވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީންގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ރާއްޖެއަށް ނާންނަ ފަދަ ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖެ އައުމުގެ ހެއްކަކީ ރައީސް ޔާމީންގެ ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ދިން ރައްކާތެރި ކަމާއި އަދި ރާއްޖޭގައި އިންެވެސްޓް ކުރުމަށް ބޭރުގެ ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދިޔަ ރަމްޒެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެތެރިވާ ކުންފުނިތަކުން ސަރުކާރަށް ކުރާ އިތުބާރު އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ އިންވެސްޓަރުންގެ އިތުބާރު ސަުކާރަށް ބޮޑުވެގެން ދިޔައީ ކުރީގެ ސަރުކާރުތަކުގައި ނުހިންގާ ފަދަ ޒަމާނީ އިންފްރާސްޓަރަކްޗާ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ޓުއަރިސްޓް ރިޒޯޓްތައް ތަަރައްގީ ނުކުރެވޭ ވަރަށް ރައީސް ޔާމީން ގެ ސަރުކާރުގައި ޓުއަރިސްޓް ރިޒޯޓްތައް ތަަރައްގީ ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓުއަރިސްޓުން ޒިޔާރަތް ކުރީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ނިސްބަތް ވަނީ އެއް މިންގަޑެއްގައި ހިފެހެއްޓިފައެވެ. އެގޮތުން 2016 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 4.2 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރު ވެރިންގެ އަދަދު 800،000 އަށް ވުރެ އިތުރވެފައިވާ ކަމަށާއި އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.9 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. ހަމައެހެންމެ މި ނިސްބަތް މި މިންގަޑުގައި ހިފެހެއްޓިއްޖެނަމަ މިއަހަރު ނިމޭއިރު ރާއްޖެ އަށް 1.7 މިލިޔަން ޓުއަރިސްޓުން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.