ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައްފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް ވެންނެވި ކަމަށްބުނާ މައްސަލާގައި ދައުލަތުން ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް އަންގާރަ ދުވަހުގެ 15:00 އަށް ކްމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއެެވެ. އެ ދައުވާ އެ 12 މެމްބަރުންގެ މައްޗަށް ކޮށްފައިވަނީ ވެސް އެއްް ޤަޟިއްޔާއެއްގެ ދަށުން، އެހުރިހާ މެމްބަރުންގެ އަޑުއެހުންތައް އެކުގައި ކުރިއަށް ގެންދާ ގޮތަށެވެ. އެ 12 މެމްބަރުން ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންގާޜަ ދުވަހުގެ 15:00 އަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މި މައްސަލައިގެ ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.
މެންބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.
ދައުވާކޮށްފައިވާ 12 މެންބަރުންނަކީ:
- ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
- ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު
- ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ)
- ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
- ހެންވޭރު ދެކުނު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ)
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
- ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
- މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
- ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
މި މެންބަރުންގެ ތެރެއިން ސައުދާއި، ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އެ ތިން މެންބަރުންނަށް އެ ދައުވާ ކޮށްފައިވަނީ މަޖިލިސް މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ އެވެ.
މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެންބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ.
މެންބަރުން ބުނަމުންދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަނުމަށް އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާއެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފަ އެވެ. މިއި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.
ސިފައިން ވަނީ މަޖިލިސް އިދާރާގައި ތަޅު އަޅުވައި، މަޖިލިސް މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭ ގޮތަށް "ހިސާރު" ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައްފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް ވެންނެވި ކަމަށްބުނާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހްމަތު އިދިކޮޅު އިއްތިހާދުން ވަނީ ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހްލޫފު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހެކިބަސްދޭން ތިބި ފުލުހުންނާ ޕީޖީ އޮފީހުގައި ބައްދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބުނީ ޕީޖީ އޮފީހަށް ގެންދިޔަ ފުލުހެއްގެ ފަރާތުން ކަމަށެވެ.