ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގައި ހުންނަވަނިކޮށް ޖަލު ހުކުމެއް އައިސްފައިވާ ގާސިމް އިބްރާހިމް މިހާރު ރާއްޖެއިން ބޭރުގައި ހުންނެވިއިރު އެމަނިކުފާނުގެ ސިއްޙީ ހާލަތު ދެރަކަމުން ފްލައިޓަށް އަރުވަން އެއާލައިނުން ވެސް ދެކޮޅު ހަދާ ކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުގެ ފަރާތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ސޯލިހް ވިދާޅުވީ ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެން ފަރުވާ ހޯއްދަވާފައިވާ ކަމަށެވެ. ނަމަވެސް ގާސިމަށް 10 ސަރުކާރުން ދިން 10 ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު ދަތުރުކުރުމަށް ޑޮކްޓަރުން ހުއްދަ ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަނބުރާ ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން އަންގާފައިވާއިރު ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
" މި ވަގުތު އޮތް ހާލަތަކީ އޮނަރަބަލް ގާސިމް އިބްރާހިމަށް ފަރުވާ ދެއްވި ޑޮކްޓަރުން އެމަނިކުފާނު ދަތުރުކުރުން ހުއްދަ ނުދެއްވާ ހާލު، އެއާލައިނުންވެސް ބޭނުންފުޅެއްނުވޭ އެ ރިސްކް ނަގާ އެމަނިކުފާނު އެ ދަތުރުކުރަން ފުރުމުގެ ހުއްދަ ދޭކަށް،" އަލީ ސޯލިހް ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވީ އެނބުރި ރާއްޖެވަޑައިގަތުމަށް ޓިކެޓް ވެސް ބައްލަވައިގެން ކަމަށާއި އެހެން ނަމަވެސް އެއާލައިނުންނާއި ޑޮކްޓަރުން ހުއްދަ ނުދެއްވާތީ ހުންނެވީ ކަމަށެވެ.
ސަރުކާރުން ދީފައިވާ ޓްރެވެލް ޑޮކިއުމެންޓްގެ މުއްދަތު ހަމަވެފައިވާއިރު އިތުރަށް ކުރިއަށްދާނެ ގޮތަކާ ގުޅޭ ގޮތުން ގާސިމްގެ ގާނޫނީ ވަކީލުން މަޝްވަރާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ބޭސްފަރުވާއަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކުރި ކަމަށް ވާނީ ބޭސްފަރުވާކޮށް ނިމެންދެން ފުރުސަތު ދިނުން ކަމަށް ވެސް އަލީ ސޯލިހް ފާހަގަ ކުރެއްވި އެވެ.
" އަޅުގަނޑުމެނަށް މި ފެންނަނީ ކޮންމެހެންވެސް ގަދަކަމުންވެސް އެބަ ޖެހޭ އެމަނިކުފާނު މިތަނަށް ގެންނާން. އަޅުގަނޑުމެން މި ދަންނަވަނީ އެމަނިކުފާނު ބޭސްފަރުވާ ނިމުނީމަ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ. ރާއްޖެ ވަޑައިނުގެން ފިއްލަވައިގެން އުޅުއްވާނެ ބޭފުޅެއް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.
ގާސިމްގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި ފަހުން ބޭސްފަރުވާ ރާއްޖެއިން ބޭރަށް ދިއުމަށް ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. އަދި ސިންގަޕޫރަށް ވަޑައިގެން ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށާއި އޮޕަރޭޝަންގައި އެއް ވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ޖޭޕީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ޤާސިމް އިބްރާހީމްގެ ހިތުގެ އޮޕަރޭޝަން ކޮށްފައި ވަނީ ސިންގަޕޫރުގެ ނޮވެނާ އެމްޓީ އެލިޒަބަތު ހޮސްޕިޓަލްގަ އެވެ. ގާސިމަށް ފުރަތަމަ ދިން 10 ދުވަސް ހަމަވެގެން އިތުރު 10 ދުވަސް ވެސް ސަރުކާރުން ދިނެވެ. ނަމަވެސް މިހާރު މުއްދަތު އިތުރުކޮށްނުދޭން ކަރެކްޝަނުން މިހާރު ވަނީ ނިންމާފައެވެ.