ބަޖެޓް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ މުއައްސަސާތަކުން ހުށަހަޅާފައިވާ ބަޖެޓްތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ ފައިނޭޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ، 2018 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މުއައްސަސާއަކުން ވެސް އެ މުއައްސަސާއެއްގެ 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅާފައިވާ ކަމަށެެވެ. އަދި މިހާރު ހުށަހަޅާފައިވާ ބަޖެޓްތައް ދިރާސާކޮށް ބަދަލުތައް ގެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް ދެނެގަނެ ފައިނަލައިޒު ކުރުމުގެ މަސައްކަތް މިއަހަރު އަވަހަށް ފަށާފައިވާކަން ހާމަކޮށްފަ އެވެ. އަދި އަންނަ އޮކްޓޫބަރު މަހުގެ 31 ގެ ކުރިން ބަޖެޓްގެ މަސައްކަތް އެއްކޮށް ނިންމާލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަރަހަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތައް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.