ހައުސިން މިނިސްޓްރީން ފްލެޓް ލިބުނު ކަމަށް އާންމު ކުރި ލިސްޓާ ގުޅިގެން މިހާރު ކުރިއަށްދަނީ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކަމަށާއި މައްސަލަ ބަލަމުންދަނީ އަވަސް މައްސަލައެއްގެ ގޮތުގައި ކަމަށް އޭސީސީން ބުނެފި އެވެ.
އޭސީސީގެ އިންފޮމޭޝަން އޮފިސަރ ހަސަން މަނިކު ވިދާޅުވީ، ހަައުސިން މިނިސްޓްރީން ފްލެޓް ލިބުނު ކަން އިއުލާނުކުރުމާ ގުޅިގެން ގިނަ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅި ކަަމަށެވެ. މި މައްސަަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީން މައްސަލަ ބަލައިގަނެ މިހާރު ތަހުގީގުގެ މަސައްކަތްތައް ކުރިއަށްދާ އިރު މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ނިމޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ހައުސިން މިނިސްޓްރީން އިއުލާނު ކުރި ލިސްޓުގައި ފްލެޓް ލިބުނު މީހުންގެ މައުލޫމާތާއި ފްލެޓް ލިބުނު މީހުންގެ މާކްސް ހާމަކޮށްފައިނުވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝަކުވާ ހުށަހަޅާފަ އެވެ.
"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، މާލެ ކެޓަގަރީ 1 އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އެއިއުލާންގައި ވަނީ ފްލެޓްތައް ލިބޭ ފަރާތްތުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއް ވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގައި ކަމަށް ހާމަކޮށްފަ އެެވެ
ހައުސިންގ މިނިސްޓްރީ އާއްމު ކޮށްފައި ވަނީ ފްލެޓް ލިބުނު 661 މީހެއްގެ ފޯމް ނަމްބަރުތަކެވެ. ގެދޮރުވެރިކުރުން ފްލެޓަށް 15،000 ވުރެ ގިނަ ފަރާތުން ވަނީ ފޯމް ހުށަހަޅާފަ އެވެ.
ފްލެޓްގެ މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން ފްލެޓް ދޫކޮށްފައިވަނީ އިންސާފުން ނޫން ކަމަށް ބުނަމުންނެވެ.