ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ސަރުކާރުން ދީފައިވާ މުއްދަތު އިތުރު ކުރުމަށް އިދިކޮޅު ދެ ލީޑަރުން އަދި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ގާސިމްގެ ބޭސްފަރުގެ މުއްދަތު އިތުރު ކުރުމަށް ރައީސް މައުމޫނާއި ރައީސް ނަޝީދު ގޮވާލެއްވިއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ގާސިމް ރާއްޖެ ވަޑައިގަތުމަށް އަންގާފަ އެވެ.
ބޭސްފަރުވާއަށް ސިނގަޕޫރަށް ވަޑައިގެންނެވުމަށް ގާސިމަށް ދީފައި ވަނީ 10 ދުވަހެވެ. އޭގެ ފަހުން 10 ދުވަސް އިތުރުކޮށްދީފައި ވެއެވެ. އެ މުއްދަތު އަންގާރަ ދުވަހަށް ހަމަވާނެ އެވެ. އަދި ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ނުދޭން ކަރެކްޝަނުން ވަނީ ނިންމާފައެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ ބޭސްފަރުވާއަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ސިންގަޕޫރުގެ ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ގާސިމްގެ ސިއްހީ މައްސަލަ ރިކަވަރވާން ވަގުތު ބޭނުވާތީ، ޓްރެވަލްނުކޮށް ސިންގަޕޫރުގައި މަޑުކުރެއްވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން އެކަމަށް ރިއާޔަތް ކުރުން މުހިއްމު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
According to Singapore doctors Hon @qasimibrahim needs more time to recover before travelling. Essential Maldives govt responds favourably!
— Maumoon Abdul Gayoom (@maumoonagayoom) September 24, 2017
ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ ބޭސްފަރުވާ ފުރިހަމަ ކުރުމުގެ ފުރުސަތު ދެވެން ޖެހޭނެ ކަމަށެވެ.
Gasim Ibrahim should be allowed to complete his medical treatment as prescribed by his doctors in Singapore. Govt must grant him leave.
— Mohamed Nasheed (@MohamedNasheed) September 25, 2017
ހިތުގެ އާލަސްކަންފުޅަށް ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުންގެންދަވާ ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ޤާސިމަށް ފަރުވާދެއްވާ ޑޮކްޓަރުން ލަފާދެއްވާފައިވާ ގޮތުގައި ހިތުގެ އޮޕަރޭޝަނަށް ފަހު، ގާސިމް ތިން މަސްދުވަހު އެ ގައުމުގައި މަޑުކުރައްވާ ޓެސްޓުތައް ހައްދަވަންޖެހޭނެ އެވެ. އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި ގާސިމް ހިތުގެ އޮޕަރޭޝަން ކާމިޔާބެވެ.
ރާއްޖެ އިސްލާހް ކުރުމަށް ހިންގޭ ހަރަކާތާއި ގުޅިގެން ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރިޝްވަތު ދޭން އުޅުއްވި ކަމަށް ކަނޑައަޅައި ގާސިމްގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުން އެހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޯޓު ތެރެއަށް ޤާސިމް ވެއްޓިވަޑައިގަތުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް އެރޭ ދަންވަރު ގާސިމްގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް އެހުކުމުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.