ބީލަމުގެ އުސޫލުގެ ދަށުން 65 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ހޯމަ ދުވަހު އިއުލާނުކޮށްފައި ވަނީ ބީލަމުގެ އުޞޫލުން، ށ.، ނ.، ރ.، ބ.، ކ.، އދ.، ވ. އަދި ސ. އަތޮޅުގެ ރަށްތަކެއް ވަރުވާއަށް ދިނުމަށެވެ.
އެގޮތުން މި 65 ރަށުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުގެ 16 ރަށަކާއި، ނ. އަތޮޅުގެ 21 ރަށަކާއި، ސ. އަތޮޅުގެ 10 ރަށަކާއި، ރ. އަތޮޅުގެ ހަތް ރަށަކާއި، ބ. އަތޮޅުގެ ތިން ރަށަކާއި، ކ. އަތޮޅުގެ އެއް ރަށަކާއި، އދ. އަތޮޅުގެ ތިން ރަށެއްގެ އިތުރުން ވ. އަތޮޅުގެ ހަތަރު ރަށެކެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބިޑް ފޯމް ވިއްކަން ހަމަ ޖެހިފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން އޮކޮޓޯބަރ 12 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:00 އަށް އެ މިނިސްޓްރީން ކަމަށެވެ.
ބިޑް ފޯމެއްގެ އަގަކަށް ކަނޑައަޅާފައިވަނީ 20ރ. އެވެ.
މިނިސްޓްރީން ބުނީ މައުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުން އަދި، ބިޑް ހުށަހެޅުން އޮންނާނެ ދުވަސްތައް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
މިއީ މިފަހުން މިހާ ގިނަ އަދަދެއްގެ ރަށްތަކެއް ވަރުވާއަށް ދޫކުރަން އިއުލާނުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރުގެ ފަހުކޮޅު ވެސް ގިނަ އަދަދެއްގެ ރަށްތަކެއް ވަރުވާއަށް ދޫކުރި އެވެ. އެހެން ނަމަވެސް އެފަހަރު ދޫކުރީ 28 ފަޅު ރަށެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި، ހަމައެކަނި ގދ. އަތޮޅުން 50 ރަށެއް ވަރުވާއަށް ދޫކޮށްފައި ވެއެވެ.
ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމުގެ ގަވާއިދަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ގަވާއިދަށް ގެނައި ބަދަލުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ޢިއުލާންކުރުމުން އެންމެ ފަރާތަކުން ކުރިމަތިލި ނަމަވެސް އެފަރާތަކުން ހުށަހަޅާފައިވަނީ އެކަށީގެންވާ ހުށައެޅުމެއް ކަމަށް މިނިސްޓްރީއަށް ޤަބޫލުކުރެވޭ ނަމަ އެ ރަށެއް އެ ބިޑު ހުށަހެޅި ފަރާތަށް ދޫކުރެވޭނެ އެވެ.
އެ އިސްލާހުގައި ވަނީ، ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމަށް މިނިސްޓްރީއިން ޢާންމުކޮށް ޢިއުލާން ކުރުމުން، އެއް ފަރާތަކަށް ވުރެ ގިނަ ފަރާތަކުން ހުށަހަޅާފައިވާ އެންމެ މަތީ ކުލި އެއްވަރުވާ ނަމަ ވަރުވާގެ ކުލި އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނީ ކުލި އެއްވަރުވާ ފަރާތްތަކުގެ މެދުގައި ވަރުވާ ކުލި އަލުން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށްފަހު އެންމެ މަތީ ކުލި ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމަށް އަލުން ޢިއުލާން ކުރުމުން އެއްވެސް ފަރާތަކުން ބިޑު ހުށައަޅާފައި ނުވާ ނަމަ ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް އެކަށީގެންވާ އަގެއްގައި އެރަށެއް ވަރުވާއަށް ދޫކުރެވިދާނެ އެވެ.