ކުދި އަދި ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ލޯން ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިތުރުކޮށްފައިވަނީ 4 އޮކްޓޯބަރ 2017 ވާ ބުދަދުވަހުގެ14:00ނިޔަލަށް ކަމަށެވެ.
މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ބުނީ ލޯނަށް އެދި ހުށައަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ފޯމު ފުރުމަށް ފަހު ފޯމް ބަލައިގަތުން އެ މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީން ހުޅުވާފައިވާ ބިޒްނަސް ސެންޓަރުތަކުން ވެސް ބަލައިގަންނާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން [email protected] އަށް ވެސް ފޯމުތައް ހުށަހެޅޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީ ބުނެއެވެ
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެސްއެމްއީ ލޯން ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސްލައްކަ ރުފިޔާ އެވެ. ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.