ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ ކުރިއަށް ގެންދަން ނިންމާ، އެމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ވަނީ އެ މައްސަލަ ކުރިއަށް ގެންދާއިރު،ފާރިސް ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިޔުމަށް ވެސް ނިންމަވައިފައެވެ.
މި މައްސަލައާ ގުޅިގެން ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކޮށްފައިވާއިރު، މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
މި މައްސަލައިގައި ފާރިސްގެ މައްޗަށް އެންމެ ފުރަތަމަ ކޮށްފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެހެން ނަމަވެސް، ފާރިސްގެ ވަކީލުން އެކަން ފާހަގަ ކުރެއްވުމާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފަ އެވެ.
ފާރިސްގެ މައްޗަށް ދައުވާކޮށްފައި ވަނީ އޯގަސްޓް 22 ވަނަ ދުވަހު އެވެ. މައްސަލައިގެ ލިޔެކިޔުން ފާރިސްއާ ހަވާލުކޮށްފައި ވަނީ އޯގަސްޓް 28 ވަނަ ދުވަހު އެވެ.
ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާ ކޮށްފައިވާއިރު އެ މާއްދާގައި ބުނެފައި ވަނީ އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުމާއި، އެ މަންފާއަކީ ގާނޫނުގައި ހުއްދަ ކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން ނުވަތަ ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި އޮތް އެއްޗަކަށްވެއްޖެނަމަ އެކަން ކުރާ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.
މިއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ ގޮނޑި ގެއްލޭނެ އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން ރިސްވަތު ހުށަހެޅުމުގެ ދައުވާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ މެޖޯރިޓީއަށްވުރެސް އިތުރަށް، 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ފަށާފައިނުވާއިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނެ ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ފާރިސްގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުންނެވެ.