ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކެންސަރ ސްކްރީން ކުރުމަށް އިންޑިއާ އަށް ފޮނުވުމަށް އެމަނިކުފާނު ބެއްލެވި އައިޖީއެމްއެޗްގެ ޑޮކްޓަރު ލަދާ ދެއްވާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) ގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އެޗްއާރްސީއެމްގެ މެންބަރަކު ވިދާޅުވީ އަދީބުގެ ސިއްހީ ކަންތައްތަކާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގުގައި އެމަނިކުފާނު ބެއްލެވި އައިޖީއެމްއެޗްގެ ޔޫރޮލޮޖިސްޓް ޑރ. އަހުމަދު އަޝްރަފާ ސުވާލުކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ޑިސެމްބަރު، 6، 2015 ވަނަ ދުވަހު ޑރ. އަޝްރަފް، އަދީބު ބެއްލެވިކަން ފާހަގަކުރައްވައި ކޮމިޝަނުގެ މެންބަރު ވިދާޅުވީ އިންޑިއާގެ އާރްސީސީއިން ބަޔޮޕްސީ ހެދުމަށާއި އޮންކޮލޮޖިސްޓަކަށް ކޮންސަލްޓޭޝަން ހެދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.
މެންބަރު ވިދާޅުވީ ކޮމިޝަނުން އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެފަދައިން ލަފާ ދެއްވި ކަމަށް ޑރ. އަޝްރަފް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި އިންޑިއާގެ އާރްސީސީއާއި އައިޖީއެމްއެޗާ ދެމެދު ކެންސަރަށް ތުހުމަތު ކުރެވޭ ބަލި މީހުންގެ ކަންތައްތައް ބެލެހެއްޓުމުގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އެޗްއާރްސީއެމްގެ މެންބަރު ވިދާޅުވީ އަދީބުގެ އާއިލާގައި ކެންސަރު ބަލީގެ ހިސްޓްރީ އެބައޮތް ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަކަށް ޓެސްޓްތައް ހެދުމަށް ލަފާ ދެއްވި ކަމަށް އަޝްރަފް ވިދާޅުވި ކަމަށެވެ.
އަދީބުގެ ބޭބޭފުޅު މުހައްމަދު ނަދީމް ނިޔާވީ ހަށިގަނޑުގައި ނެގި ސިސްޓެއް ކެންސަރަށް ބަދަލުވުމާ ގުޅިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް 2008 ވަނަ އަހަރު އެވެ. އަދީބުގެ ހަށިގަނޑުގައި ވެސް ސިސްޓެއް ނަގާފައިވާއިރު އާއިލާއާއި ވަކީލުން ދަނީ ސިސްޓް ކެންސަރަށް ބަދަލުވެދާނެތީ ވީހާ ވެސް އަވަހަކަށް އަދީބު ކެންސަރ ސްކްރީން ކުުރުމަށް އާދޭސްކުރަމުންނެވެ. އާއިލާގައި ކެންސަރުގެ ބެކްގްރައުންޑެއް އޮތުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.
ޑރ. އަޝްރަފާ ހަވާލާ ދެއްވާ އެޗްއާރްސީއެމްގެ މެންބަރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ނިއުކްލިއާ މެޑިސިން ފަށާފައިނުވާ ކަމަށާއި، އާންމުކޮށް އަމަލު ކުރަމުންދާ އުސޫލަކީ ރާއްޖެއިން ބޭރުން ކެންސަރުގެ ފަރުވާ ފެށުމުން އެ ފަރުވާ ރާއްޖޭގައި އިތުރަށް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އަމިއްލައަށް ޑައިގްނޯޒް ކޮށްގެން ފަރުވާ ފެށުމަށް ރާއްޖޭގައި އަދިވެސް ދަތިތަކެއް އެބަހުރި ކަމަށް ޑޮކްޓަރާ ހަވާލާދެއްވައި އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ޑރ. އަޝްރަފްގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައިވާ ގޮތުގައި ކެންސަރުގެ އާއިލީ ބެކްގަރައުންޑެއް އަދީބު އޮތްއިރު، މިހާތަނަށް ވެސް އަދީބު ކެންސަރަށް ޓެސްޓް ކުރުމުގެ ފުރުސަތު ދީފައިނުވެ އެވެ. ރާއްޖެއިން ބޭރުން ކެންސަރަށް ޓެސްޓް ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާކަން ފާހަގަކޮށް ނަޝްވާ ވަނީ އެ ފުރުސަތު ސަރުކާރުން ނުދޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަޝްވާ ވިދާޅުވީ އާއިލާ އިން ބޭނުން ވަނީ އަދީބުގެ ކެންސަރ ސްކްރީނިން ޓެސްޓެއް ހަދަން ކަމަށާއި އެކަން ނުކޮށް ކިތަންމެ ވަރަކަށް އަދީބު ޑޮކްޓަރަށް ދައްކަން މާލެ ގެނެޔަސް ސިސްޓަށް ދޭންޖެހޭ ފަރުވާ ދެވެމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.