ރައްޔިތުންގެ މަޖުލީގެ އިދާރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މުސާރައިގެ ކުރިއެރުން ދީފި އެވެ.
"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު، ގިނަ މުވައްޒަފުންތަކަށް މަގާމުގެ ކުރިއެރުން ވެސް ވަނީ ދީފަ އެވެ. އަދި ބައެއް މުވައްޒަފުންނަށް 1000 ރުފިޔާއަށް ވުރެ އިތުރަށް މުސާރައިގެ ކުރިއެރުން ވަނީ ލިބިފަ އެވެ.
މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނިކޮށް، އެމައްސަލައަށް ވޯޓަށް އެހުމެއްނެތި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމެއްނެތި، މަސީހު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ ގިނަ އަދަދެއްގެ ސިފައިން ޖަލްސާ ކުރާ މާލަމަށް ވައްދައިގެންނެވެ.
މީގެއިތުރުން މަޖިލީހުގެ ޖަލްސާތަކުގެ ހަމަނުޖެހުން ބޮޑުވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ވަނީ މަސީހު އިންނަވާ ރިޔާސަތުގެ މޭޒުކޮޅު 10 ފޫޓެއްހާ އުސްމިނުގައި ސްޓޭޖެއް ހަދާ އޭގެ މައްޗަށް ރިޔާސަތުގެ މޭޒުކޮޅު ލުމަށް ނިންމާފަ ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވެއެވެ. އަދި އެފަދަ މަސައްކަތްތަކެއް މަޖިލީހުގެ އިދާރާގައި ކުރަމުންދާ މަންޒަރު މީޑިއާތަކަށްވެސް ވަނީ ފެނިފަ އެވެ.
މަޖިލީހުގެ އިދާރާގައި ހިނގާ އެއްވެސް ކަމެއްގެ މައުލޫމާތު އެ އިދާރާއިން ހާމަކުރުމަށް ދެކޮޅު ހަދާއިރު، މިކަންކަމާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިއެއްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރަ ބޮޑު ކުރުމުގެ ކުރިން މަޖިލީހުގެ ޕާލަމަންޓްރީ ސާވިސް މުވައްޒަފުންގެ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.