އ.ދގެ 72 ވަނަ އާންމު ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އާންމު ބައްދަލުވުމުގެ ހަވާސާގައި ހިނގާ އެކިއެކި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވުމަށް ފަހު ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ އެނބުރި މާލެ އަތުވެއްޖެ އެވެ.
މިމަހުގެ 15އިން 21އަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި މި ދަތުރުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ކުރިއަށްދިޔަ "ޕްރިވެންޓިންގ ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން" ހައި-ލެވަލް ސައިޑް-އިވެންޓުގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން މިނިސްޓަރު ބައިވެރިވެވަޑައިގެންނަވާފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޒެނީޝާ ވަނީ ރިޔާސަތު ބަލަހައްޓަވައިފަ އެވެ. މިބައްދަލުވުމުގެ ބައިވެރިން ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށް އެކި ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި، ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޖެންޑަރ މނިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި "އަ ޕްރޮމިސް ޓު ޗިލްޑްރަން: ދެއަރ ރައިޓްސް އެންޑް ވެލްބީންގ އިން ދަ އެސް.ޑީ.ޖީސް" ގެ ނަމުގައި ބޭއްވުނު ބައްދަލުވުމުގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭން މިދާއިރާގައި ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ޒެނީޝާ ފާހަގަކުރައްވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށްކުރާ މަސައްކަތްތަކުގެ އިތުރުން، ޔުނިވަރސަލް ހެލްތު އިންޝުއަރަންސް ސްކީމެއް ތައާރަފްކުރެވިފައިވާކަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުންވެސް، "ވިމެންސް އިކޮނޮމިކް އެމްޕަވަރމަންޓް"އާ ގުޅޭ ހައި-ލެވަލް ރައުންޑް-ޓޭބަލްގައި ބައިވެރިވެވަޑައިގެން، މި ދާއިރާގައި ދިވެހިރާއްޖޭން ކުރަމުންގެންދާ މަސައްކަތްތައްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރ ޒެނީޝާގެ ދަތުރުފުޅުގައި އ.ދ.ގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް އޮފް ދަ ސެކްރެޓަރީ ޖެނެރަލް އޮން ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން، މާތާ ސަންޓޯސް ޕެއިސްއާއި، ޔުނިސެފްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް ޓެޑް ޗައިބާންއާ ވަނީ ބައްދަލުކުރައްވާފަ އެވެ.