މި އަހަރު 7000 ފްލެޓް، އަދި އަންނަ އަހަރުގެ ތެރޭގައިވެސް 8000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށޭޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެއް ހާސް ފޮޓޯގްރަފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ގްރެޖުއޭޝަން ސެރަމަނީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތްތަކަކީ ލޯނު ހޯދައިގެން ކުރާ މަސައްކަތަކަށް ވާތީ އެންމެ ބާރު މިނުގައި ފްލެޓުތައް ނޭޅި ހިނގައިދާނެ ކަމަށެވެ. ނަމަވެސް މި އަހަރުގެ ނިމުމުގެ ކުރިން 7000 ފްލެޓެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ވެސް އިތުރު 8000 ފްލެޓު އަޅާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި މި ޒައާމަތުގައި އެންމެ މަދުވެގެން 15،000 ހައުސިން ޔުނިޓު އެޅުމުގެ ވައުދު ފުއްދޭތޯ މަަސައްކަތް ކުރައްވާނެއެވެ.
ސަރުކާރުގެ ބޯހިޔާވެހިކަމުގެ ޕްރޮގްރާމަށް ފާޑު ކިޔަމުން އަންނަ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ރައީސް ވިދާޅުވީ އެ ފަރާތްތަކަކީ ހަމަ އެ ކަންކަމާ ކުރިމަތިލުމަށް ފަހު އެއްވެސް ކަމެއް ނުކުރެވުމުން ދުރުގައި ތިބެގެން ފާޑު ކިޔާ ފަރާތްތަކެއް ކަމަށާއި ހުރިހާ ކަމެއް ހުއްޓާލުމަށް ފަހު ގެދޮރު ބިނާ ކުރުމަށް އެ ފަރާތްތަކުން ގޮވާލަމުން އަންނަ ކަމަށެވެ.
""ފްލެޓުތަކަކީ ހަމަގައިމު ވެސް ހިލޭ ލިބޭނެ ތަންތަނެއް ނޫން، އެތަންތަނަށް ވަންނަ އިރު އާމްދަނީ ހޯދޭނެ މަސައްކަތެއް އޮންނަން ވާނެ، އާމްދަނީ ހޯދުމަށް ކޮންމެވެސް މަސައްކަތެއް ދަސްކޮށްދޭން ޖެހޭ" ރައީސް ވިދާޅުވިއެވެ.
އިތުރު 8000 ފްލެޓު އަންނަ އަހަރު އަޅާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު ސަރުކާރުން ދާދި ފަހުން ވަނީ ފްލެޓު ލިބޭ 661 ފަރާތްތަކުގެ ލިސްޓު އިއުލާންކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ރަށްތަކުން ވެސް ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ލިސްޓުގައި ފްލެޓު ލިބޭ ފަރާތްތަކުގެ ނަން ހާމަކޮށްފައި ނެތުމުން އެ މައްސަލައަށް އެތަށްބައެއްގެ ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.