މި ގައުމުގައި އަދުލު އިންސާފު ގާއިމްކުރެވޭނަމަ ހިނގާބިނގާވެއުޅުމަށް ރައްޔިތުން ބިރުގަންނާކަށް ނުޖެހޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މަގުމަތީގައި އެއްވެސް ޖެހިލުމެއްނެތި ޒުވާނުން ކަތިލަމުންދާއިރު، ކުށްވެރިންނާއި ވަޅިޖަހާ މީހުން މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ތިބެނީ ކަނޑައެޅިގެން އެނގިގެންކަމަށެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން ރަނގަޅަށް ކުރާ އެއްކަމެއްވެސް ފާހަގަކުރެވިފައިނުވާކަމަށެެވެ. ކޯޓްތަކުން ހުކުމްތައްވެސް ކުރައްވަނީ ސީދާ އަދުލާއި އިންސާފާ ދެކޮޅަށް ކަމަށާއި، އެކަން އެ ކުރަނީ އަދުލަށް ނޫންކަން ކަނޑައެޅިގެން އެނގޭނޭގޮތަށް ކަމަށެވެ.
2018 ވަނަ އަހަރު ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވެ، ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް މާރިއާ ވިދާޅުވިއެވެ.މާރިޔާ ވިދާޅުވިގޮތުގައި އެބޭފުޅުންނަކީ ކަމެއް އަައިސް ޖެހުމުގެ ކުރިން އެކަމަށް ތައްޔާރުވާ ބައެކެވެ. މާރިޔާ ވިދާޅުވިގޮތުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ޔަގީން ވުމުން ނޫނީ، ވޯޓް ފޮށި ބެހެއްޓިޔަ ނުދޭނެކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނެތް މިހެން ގޭގައި ތިބެވޭކަށް. އެންމެ ނުކުންނަން ޖެހޭ. އިންސާފުވެރި އިންތިޚާބެއް ލިބޭތޯ ނުކުންނަންޖެހޭ" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، މި ސަރުކާރުން ކަންކަމުގައި އިޚްލާސްތެރިކަން ނެތް މިންވަރު ގަތުލުއާއްމު ހުއްޓުވުމަށް އދ. ގައި ނެގި ވޯޓުން ފިލުމުން އެކަނިވެސް ދޭހަވާކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފައި، ދެން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށޭކިޔާ ނިކަމެތި ދިވެހިންނާއި، ސިވިލްސާވެންޓުންގެ މުސާރައިން ރޮހިންޖާ ފަންްޑަށް ލާރި ހޯދުމަށް އުޅުމުން ދޭހަވަނީ އެކަމުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަންކަމަށެެވެ. އަންނަ ހުކުރު ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޮހިންޖާގެ ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ގޮވާލާ ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި ވީހާވެސް ގިނަ ދިވެހިރައްޔިތުން ބައިވެރިވުމަށް މާރިޔާ ވަނީ ގޮވާލައްވާފައެވެ.