ހޮނިހިރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި ހ. ފަހާގޭގެ އެޕާރޓްމަންޓްގައި ދިރިއުޅެމުންދިޔަ އާއިލާއަށް ބޯހިޔާވަހިކަން ދެމުން ގެންދާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެފިއެވެ.
އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ، އެ އެޕާރޓްމަންޓްގައި ދިރިއުޅެމުންދިޔައީ ތިން އަންހެނަކާއި ފިރިހެނެއްކަމަށެވެ. އަދި މި އެންމެން ހޮނިހިރު ދުވަހުގެރޭމެން ގެސްޓްހައުސްއަކަށް ބަދަލުކޮށް އެހީތެރިކަން ދެމުން ގެންދާކަމަށެވެ.
ހޮނިހިރު ދުވަހުގެރޭ އިރާކޮޅު ހ.ފަހާގޭގެ ތިންވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެހެންނަމަވެސް އެ ޕާރޓްމެންޓްގައި ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ހ.ފަހާގޭގެ ތިންވަނަ ފަންގިފިލާގައި ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.