މިޔަންމާއިން ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ ޢަދަދު 436000 (ހަތަރު ލައްކަ ތިރީސް ހަ ހާސް) އަށް އަރައިފި ކަމަށް އދ އިން ހާމަކޮށްފިއެވެ.
އދ ގެ ރެފިއުޖީ އެޖެންސީން އާދީއްތަ ދުވަހު ބުނީ ބަނގުލަދޭޝްއަށް ހިޖުރަ ކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ ޢަދަދު 436000 އަށް އަރާފައިވާ ކަމަށާއި އެމީހުންނަށް ބޭނުންވާ ކާބޯ ތަކެއްޗާއި ބޯހިޔާވަހި ކަމަކަށް މުޅި ދުނިޔޭގެ ވަރަށްބޮޑު އެހީތެރި ކަމަކަށް ބޭނުންވެފައިވާ ކަމަށެވެ.
ޔޫއެން ހައިކޮމިޝަނަރ ފޯރ ރެފިއުޖީސް ފިލިއްޕޯ ގްރާންޑީ އާދީއްތަ ދުވަހު ވިދާޅުވީ ބަނގުލަދޭޝްގެ ދެކުނުގައި އޮންނަ ކޮކްސް ބާޒާރުގެ ވަށައިގެން ކޭމްޕް ޖަހައިގެން ދިރިއުޅޭ ރެފިއުޖީންގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
"މީގެ ކުރިން ބަޔަކަށް ބޭނުން ނުވާވަރުގެ އެހީތެރިކަމެއް އެބަ ބޭނުންވޭ. އެމީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް. ކާތަކެތި، ބޯފެން، ހިޔާވަހިކަން، ސިއްޙީ ފަރުވާ އެމީހުންނަށް ބޭނުންވޭ" ގްރާންޑީ ބުންޏެވެ.
އޭނާ ބުނީ ބަނގްލަދޭޝްއިން އެމީހުންނަށް ފޯރުކޮށްދެނީ ޤަބޫލް ވެސް ކުރަން ދަތި ބޮޑު އެހީތެރިކަމެއް ކަމަށާއި ނަމަވެސް ވަގުތުން ވަގުތައް އެމީހުންނަށް މުޅި ދުނިޔޭގެ އަޅާލުން ބޭނުންވާ ކަމަށެވެ. އެގޮތުން ފައިސާއާ ތަކެތީގެ އެހީތެރިކަން އެމީހުންނަށް މިހާރު ވެސް ބޭނުންވެފައިވާ ކަމަށް ގްރާންޑީ ބުންޏެވެ.