ސިއްހީ ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާރވިސްއިން އަންގައިފި އެވެ.
ހިތުގެ އާލަސްކަންފުޅަށް ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުންގެންދަވާ ޤާސިމް އިބްރާހިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ޤާސިމަށް ފަރުވާދެއްވާ ޑޮކްޓަރުން ލަފާދެއްވާފައިވާގޮތުގައި ހިތުގެ އޮޕަރޭޝަނަށް ފަހު، ޤާސިމް އިބްރާހިމް ތިން މަސްދުވަހު އެ ޤައުމުގައި މަޑުކުރައްވާ ޓެސްޓުތައް ހައްދަވަންޖެހޭނެ އެވެ. އާއިލާއިން ހާމަކޮށްފައިވާގޮތުގައި ޤާސިމް އިބްރާހިމްގެ ހިތުގެ އޮޕަރޭޝަން ކާމިޔާބެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޤާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރެވެން ނެތްކަން މިހާރު ޤާސިމްގެ ޤާނޫނީ ވަކީލުންނާއި، އާއިލާއަށް އަންގާފައިވާނެ ކަމަށެވެ. އަދި މުއްދަތު ހަމަވުމުން ރާއްޖެ ވަޑައިގަތުމަށް ވެސް އަންގާފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެ އިސްލާހް ކުރުމަށް ހިންގޭ ހަރަކާތާއި ގުޅިގެން ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރިޝްވަތު ދޭން އުޅުއްވި ކަމަށް ކަނޑައަޅައި ޤާސިމް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުން އެހުކުމް ކޮށްފައިވަނީ 24 ވަނަ ދުވަހު ކޯޓު ތެރެއަށް ޤާސިމް ވެއްޓިވަޑައިގަތުމާއި ގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް އެރޭ ދަންވަރުއެވެ. ނަމަވެސް އެހުކުމުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ހުކުމުގައި އެހެން ބުނި ނަމަވެސް އެންމެ 10 ދުވަހަށް ޤާސިމް ސިންގަޕޫރަށް ފޮނުވާފައި ވަނީ ހުކުމް ކުރިތާ އެތައް ދުވަހެއް ފަހުންނެވެ.