ރާއްޖޭގައި ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހްމަތުގައި ދިވެއްސެއް ހައްޔަރުކޮށްފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 14 ވަނަ ދުވަހު މާލެއިން އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހްމަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިރުޝާދުގެ މަތިން ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅޭ ކަމަށެވެ.
އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާދީފަ އެވެ. އޭނާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމަށްފަހު ވެސް ފުލުހުން ބުނެފައިވަނީ ޖާނުންފިދާވުވުމުގެ ހަމާލާއެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދާނެ އެވެ. ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހްމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވުމަށް ވަނީ ފަށާފަ އެވެ.
ބައެއް މީޑިއާތަކަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައި މިވަނީ، ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ޙަމަލާތައް ދިނުން އިތުރުވެފައިވާތީ އެކަމާ ގުޅިގެން އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް މިކަން މި ކުރަނީ ރާއްޖެއަށް ޓެރަރިޒަމްގެ އިންޒާރެއް ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށާ މިއީ ސަލާމަތީ ގޮތުން އަޅަމުންދާ ޚާއްޞަ ފިޔަވަޅުތަކެއް ކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެއަރޕޯޓުން ފުރާ މީހުންގެ ފޮށިތަންމަތި ފަދަ ތަކެތި ބަލާ ފާސްކުރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރެވި، ދަތުރުވެރިންގެ ހަށިގަނޑު ބަލާ ފާސްކުރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެއްކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.