އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 29 ދައުވާއަކަށް ޖަވާބުދާރީވުމަށް ދެ ހަފްތާ ދީފި އެވެ.
އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 30 ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާފަ އެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކުގެ ތެރެއިން އެއް މައްސަލައެއްގައި ޒިޔަތުގެ އިތުރުން، އެހެން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެެ. އެއީ ރ. ކިނޮޅަސް ޝާހިދު ހުސައިން މައްޗަށެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގައި 29 ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ބާއްވާފައި ވަނީ އެއްކޮށެވެ.
އެއަޑުއެހުމުގައި، ޒިޔަތުގެ ގާނޫނީ ވަކީލު ވަނީ ޒިޔަތުގެ މައްޗަށް 30 މައްސަލައެއްގައި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާތީ އެމައްސަލަތައް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަތަކާއި ގުޅިގެން ކޯޓުން ފޯރު ކޮށްދީފައިވާ ބައެއް ލިޔެކިޔުންތަކުގެ ކޮޕީތައް ސާފުނުވާތީ އެލިކިޔެކިޔުންތަކުގެ ސާފު ކޮޕީއެއް ފޯރުކޮށްދިނުމަށް އެދޭ ކަމަށް ވިދާޅުވިއެވެ. އަދި ގާނޫނީ ވަކީލު ވަނީ ޒިޔަތަކީ މިހާރުވެސް ޖަލު ހުކުމްތަކެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށްވާތީ، މިހާރު ބައްދަލުވުންތައް ލިބޭގޮތަށް ލިބޭނަމަ ދައުވާތަކާއި ގުޅޭ ލިލެކިޔުންތައް ދިރާސާ ކުރުމަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ.
މައްސަލަ ބެއްލެވި ގާޒީ ވަނީ ދެ ހަފްތާއަކީ އެކަށީގެންވާ ވަގުތެއް ކަމަށާއި އަދި މީގެ އިތުރުންވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަަށް ލިޔުމުން އަންގައިގެން ދައުވާތަކާއި ގުޅޭ ގޮތުން ގާނޫނީ ވަކީލަށް ޒިޔަތާއި ބައްދަލު ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިލައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ދެން ބާއްވާ އަޑުއެހުމެއްގައި ދައުލަތުން ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އިއްވުމުން ދައުވާއަށް ޖަވާބު ދެވޭވަރަށް ތައްޔާރުވެ ވަޑައިގެން ވަޑައިގެންނެވުމަށް ގާޒީ ވަނީ ޒިޔަތަށާއި ޒިޔަތުގެ ގާނޫނީ ވަކީލަށް އަންގަވާފަ އެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 29 ދައުވާގެ އަޑުއެހުމެއް ދެންބޭއްވޭނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.