ރައްޔިތުން އަތު ނުޖެހޭ ހިސާބު އުހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އަރައިވަޑައިނުގެންނެވޭނެ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގެ މޭޒު މިހާރު ހުންނަ މިންވަރަށް ވުރެ އުސްކުރިޔަސް މަސީހު ބާލާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒު، 10 ފޫޓު އުހުގައި ބަހައްޓަން ސްޓޭޖެއް ހެދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފި އެވެ. އެ މަސައްކަތް ރޭ ވަނީ ފަށައިފައި ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
"ރައްޔިތުން އަތު ނުޖެހޭ ހިސާބު މައްޗަކަށް އެކަކަށް ވެސް ނޭރެވޭ، އެ މީހަކު ބާލާނަން. މަސީހަށް ތާއިދެއް ނެތްކަން އެނގޭ،" އާޒިމް ވިދާޅުވި އެވެ.
މަސީހު މަގާމުން ދުރުކުރުމަށާއި އިސްލާހީ މަސައްކަތްތަކަށް ރައްޔިތުން ވަނީ ކެތްމަދުވެފައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެހެންވެ، ކިތަންމެ މިންވަރަކަށް އިދިކޮޅު މެމްބަރުންނަށް ސަރުކާރުން ގޯނާ ކުރި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮނޑި ގެއްލުނު ނަމަވެސް، ޖަލަށް ލިކަމުގައި ވިޔަސް މިގޮތުގައި ދެމި ހުންނާނަން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންގެ ވާޖިބަށް ހުރަސް އަޅަނީ ސަލާމަތީ ހިދުމަތްތަކުން ކަމަށް ފާހަގަ ކުރައްވާ، ޕްރެސް ކޮންފަރެންސްގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވިދާޅުވީ ގައުމީ ސަލާމަތީ ހިދުމަތް މިހާ ދަށު ދަރަޖައަށް ވެއްޓިގެން ގޮސްފައި އޮތުމުން ކަންބޮޑުވާ ކަމަށެވެ. ދިވެހިރައްޔިތުންގެ ކަރާމާތާއި އިއްޒަތަށް ސަލާމަތީ ހިދުމަތްތަކުން ނުބަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ހައްގުތައް އެންމެ ބޮޑަށް ކަތިލާފައިވަނީ މިހާރު އޮތް މަޖިލީހުންކަމަށާއި ގައުމު ފާލުން ނެއްޓި، ޒުވާނުން މަރަމުންދާއިރު އެކަންކަމަށް ސަމާލުކަން ނުދީ ސަރުކާރުން ދަނީ ސިޔާސީ ބޭފުޅުންގެ ފަހަތުން ބިސްމަޅި ދުއްވަމުން ކަމަށް އަރީފް ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުން ގޯނާކުރާކަން ފާހަގަ ކުރައްވައި އަރީފް ވިދާޅުވީ ސިޔާސީ މަސައްކަތުގައި އުޅޭއިރު އެތައް ގުއްޓިއެއް އަރާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެކަމާ އެއްވެސް މިންވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.
ސިފައިން ލައްވައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރަށް ހުރަސް އަޅާތީ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމްގެ މައްޗަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ.