ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސިފައިން ނިކުމެ ތަޅު އަޅުވައި، މަޖިލިސް އިދާރާ ތެރެއަށް މެމްބަރުން ވަނުމަށް ހުރަސްއެޅުމުން ހިނގާދިޔަ ކަންކަމުގެ ތެރޭގައި މަޖިލީހުގެ 3 މެމްބަރަކު ސިފައިންނާ މާރާމާރީ ހިންގި ކަމަށް ބުނެ އެ މައްސަލަ މިލިޓަރީ ޕޮލިހުން ބަލަމުން ގެންދާ ކަމަށް، އިދިކޮޅު މެމްބަރުން ބުނެފި އެވެ.
މަޖިލީހުގެ ބޭރުގައި އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ މި މައްސަލައިގައި މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓި ސިފައިންގެ ބަޔާންތައް ނަގަން ފަށާފައިވާ ކަމަށާއި އެ އޮފިސަރުންނަށް މަޖުބޫރުކޮށްގެން، ދޮގު ބަޔާން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯން އަހްމަދު ޝިޔާމް ބޭނުންފުޅު ވަނީ، މި އަހަރުގެ ތިން ވަނަ ދައުރަށް މަޖިލީސް ހުޅުވުމުގެ ކުރިން ތިން މެމްބަރަކު ހައްޔަރު ކުރުވަން ކަމަށް ވެސް މަހްލޫފް ވިދާޅުވ އެވެ.
މާރާމާރީ ހިންގި ކަމަށް ބުނެ ހައްޔަރުކުރަން އުޅޭ ތިން މެމްބަރުންނަކީ މަހްލޫފު ވިދާޅުވި ގޮތުގައި އޭނާގެ އިތުރުން، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފެވެ.
މަހްލޫފް ވިދާޅުވީ މިލިޓަރީ ޕޮލިހުން ލައްވާ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ބަޔާންތައް ނަގަން ފެށީ އެފަރާތްތަކުން ފުލުހުންނަށް ކުރިން ދިން ބަޔާންތަކުގައި މެމްބަރުން މާރާމާރީ ހިންގިކަމަށް ބުނެފައި ނެތުމުން ކަމަށެވެ. މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އެގޮތަށް ބަޔާނެއް ދީފިނަމަ އެވެވނީ އަމިއްލަ އިއުތިރާފެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މިނޫން ދުވަހަކުން ޖެނެރަލް ޝިޔާމް ކުރައްވާ މިބާވަތުގެ ކަންކަން ބެލޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
އެފަދަ ތަހްގީގެއް އެމްއެންޑީއެފް ގެ މިލިޓަރީ ޕޮލިހުން ހިންގާތޯ ރާއްޖެއެމްވީ އިން އެމްއެންޑީއެފްގެ ތަރުޖަމާނާއި ސުވާލު ކުރުމުން ވިދާޅުވީ އެފަދަ ކަމެއް ހިނގާކަން އެނގިފައިނުވާ ކަމަށެވެ.